ސަބްމެރިން ކޭބަލްގެ ޑައިވާސިޓީ އިތުރުކުރުމަކީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އެކަމުގެ މަންފާ ކުރާނެ ކަމެއް ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާ ގުޅާލެވޭ ސަބްމެރިން ކޭބަލްގެ ޑައިވާސިޓީ އިތުރު ކުރުމަކީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އެކަމުގެ މަންފާ ކުރާނެ ކަމެއް ކަމަށެވެ.
ސަބްމެރިން ކޭބަލްގެ ޑައިވާސިޓީ އިތުރު ކުރުމަކީ ސަރުކާރުން އެކަމަށް މަރުހަބާ ކިޔާނެ ކަމެއް ކަމަށާއި އަދިވެސް އިތުރު ކޭބަލްތައް ރާއްޖެއަށް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖެއާ ގުޅާލެވޭ ސަބްމެރިން ކޭބަލްގެ ޑައިވާސިޓީ އިތުރުކުރުމަކީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އެކަމުގެ ސަބަބުން މަންފާކުރާނެ ކަމެއް. ސަރުކާރުން މަރުހަބާ ކިޔާނެ ކަމެއް. އަދިވެސް އިތުރު ކޭބަލް ރާއްޖެއަށް ގެންނަން ޖެހޭ." މިނިސްޓަރު މަލީހު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ދިރާގުން ދެވަނަ ސަބްމެރިން ކޭބަލެއް އެޅުމަށް މަލްޓި-ޕާޓީ އެގްރީމެންޓެއްގައި އިއްޔެ ސޮއިކޮށްފައިވަނިކޮށެވެ. ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އަޅާ މި ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރުމަށް 8.4 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ނިންމައިފައެވެ.
މި ޕްރޮޖެކްޓް ނިމުމުން ރާއްޖެ އާއި ބޭރު ގައުމުތަކުގެ ބޭންޑްވިތު ރަނގަޅުކުރެވި، ނެޓްވޯކް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
މި ކޭބަލްގެ 45 ޕަސެންޓްގެ ހިއްސާ ދިރާގުވާ އިރު ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ، އުރީދޫ މޯލްޑިވްސް އިން ވެސް މި ކޭބަލްގެ 45 ޕަސެންޓު ހިއްސާވެ އެވެ. ބާކީ ދިހަ ޕަސެންޓު ހިއްސާވަނީ ސްރީލަންކާގެ މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޑައިލޮގް އެޒިއޭޓާއެވެ.
އިންޓަނެޓްގެ އަގު އަތްފޯރާ ފަށަށް ގެނައުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. މީގެ ފަސް މަސް ކުރިން އިންޓަނެޓްގެ އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ނިމުނު ފަހުން ދެމަހެއްހާ ދުވަސް ވެއްޖެ ކަމަށާއި އުފާވެރި ހަބަރުގެ ވަގުތު ކައިރި ވެއްޖެ ކަމަށް މިނިސްޓަރު މަލީހު ވަނީ ވިދާޅުވެފައެވެ.