އިބްރާހިމް ޒަކީ
ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށްބޭނުންވާ ކުއްޖަކު ހުރި މައްސަލައިގައި އިހުމާލުވާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މީކާއިލް ވިދާޅުވީ، މި ކުއްލި މައްސަލަ ހުށަހެޅުމުގެ މަގުސަދަކީ، އެކުއްޖާގެ ބެލެނިވެރިކަން ހިޝާންއަށް ނުދިނުމަށް 2018 ވަނަ އަހަރު ފެމިލީ ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރ" ކަމުގެ މަގާމު އަދާކުރި ހިޝާންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހުނު މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ.
މީކާއީލް ވިދާޅުވީ، ހިޝާންއަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރު ކަމާއި ގައުމީ އިނާމު ދިން އިރުވެސް ހިޝާނާ މެދު ޖިންސީ ގޯނާގެ ސީރިއަސްް ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށް، އެކުއްޖާގެ ބެލެނިވެރިކަން ހިޝާންއަށް ނުދިނުމަށް ފެމިލީ ކޯޓުން ކުރި ހުކުމް ހިޝާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްގެން އިއްޔެ ކުރިއަށް ދިޔަ އަޑު އެހުމުން ހާމަވާ ކަމަށެވެ. އަދި އިއްޔެ ހައިކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަ ތަކުގައި، އެ ސީރިއަސް މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް އެނގޭކަން ހާމަވާ ކަމަށާއި، އެހެންކަމުން އެކަމުގައި ޖެންޑާ މިނިސްޓްރީން ވެފައިވާ އިހުމާލު މަޖިލީހުގެ ސަމާލު ކަމަށް ގެނައުންވެސް މި ކުއްލި މައްސަލައިގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
ހައިކޯޓުގައި އެ މައްސަލަ ހިނގަމުންދިޔައިރު، ތަދައްހުލުވާން ޖެންޑާ މިނިސްޓްރީއަށް ދިން ފުރުސަތުގައި އެކަން ކޮށްފައިނުވާ ކަމަށާއި، ހިޝާންއާ އެކުއްޖާގެ ބެލެނިވެރިކަން ހަވާލު ނުކުރުމަށް ފެމިލީ ކޯޓުން ހުކުމް ކޮށްފައި ވަނީވެސް ޖެންޑާ މިނިސްޓްރީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އިންޓެލިޖެންސް ރިޕޯޓަކަށް ބަލައިގެން ކަން ވެސް މީކާއީލް ފާހަގަ ކުރެއްވިއެވެ.
މިއަދާ ހަމައަށް އެކުއްޖާ ހިޝާންގެ ބެލުމުގެ ދަށުގައި ހުނަން ޖެހުމަކީ ޖެންޑާ މިނިސްޓްރީން އެކަމާ އަލާނުލައި އޮތުން ކަމަށާއި މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެކަންކަން ބަލައި ޒުވާނާއާ މެދު އިހުމާލުވާ ވަކިވަކި ފަރުދުންނާމެދު ފިޔަވަޅު އެޅުމަށް މީކާއިލް ވަނީ އޭނާގެ ކުއްލި މައްސަލައިގައި ގޮވާލައިފައެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ، ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 45 މެންބަރުންގެ ތެރެއިން 41 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.