ބަޔާން މިއުނިކުގެ ގޯލަކީޕަރު މެނިއުލް ނޯޔާ މިޑްފީލްޑަރެއްގެ ގޮތުގައި ބޭނުންކުރަން ކުރިން އެކްލަބުގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާ ބޭނުންވި ކަމަށް ބަޔާންގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެއެވެ.
މިހާރު މެންޗެސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމުގައި ހުރި ގާޑިއޯލާ ވަނީ 2013 އިން ފެށިގެން 2016އަށް ބަޔާނަށް އިރުޝާދު ދީފައެވެ. ގާޑިއޯލާ ވަނީ ބަޔާނަށް ވިދިވިދިގެން ތިން ފަހަރު ޖަރުމަން ބުންޑަސްލީގާ ކާމިޔާބުކޮށްދީފައެވެ.
ރުމެނިގާ ވިދާޅުވީ މިޑްފީލްޑަރެއްގެ ގޮތުގައި ކީޕަރު ނޯޔާ ބޭނުންކުރަން ގާޑިއޯލާ ބޭނުންވި ކަމަށާއި އެކަން ހުއްޓުވަން ޖެހުނު ކަމަށެވެ.
"މިޑްފީލްޑަރެއްގެ ގޮތުގައި ނޯޔާ ބޭނުންކުރަން ގާޑިއޯލާ ބޭނުންވި. އެކަމާމެދު އޭނާ ވަރަށް ސީރިއަސްކޮށް ވިސްނި. އަހަރެންނަށް އޭނާގެ އެ ވިސްނުން އެހާ ރަނގަޅު ނުވުމުން އެކަން ހުއްޓުވިން. އެކަމަކު އަހަރެންނަށް އެނގޭ މިޑްފީލްޑަރެއްގެ ގޮތުގައި ވެސް ނޯޔާ ރަނގަޅު ކުޅުމެއް ދައްކާނެކަން،" ބަޔާންގެ ރަސްމީ މެގަޒިން "51"އަށް ދެއްވި އިންޓަވިއުއެއްގައި ރުމެނިގާ ބުންޏެވެ.
އުމުރުން 33 އަހަރުގެ ނޯޔާ ވަނީ 2011 ވަނަ އަހަރު ބަޔާންއާ ގުޅުމަށްފަހު އެކްލަބުގައި އިސްދައުރެއް އަދާކޮށްފައެވެ. ނޯޔާ ވަނީ ބަޔާންއާއެކު ހަތް ޖަރުމަން ބުންޑަސްލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގެއް ހޯދައިފައެވެ. ޖަރުމަން ގައުމީ ޓީމުން 2014ގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، އެޓީމުގެ ގޯލު ބެލެހެއްޓީ ވެސް ނޯޔާއެވެ.