އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާ ވައިރަހަށް ތިން މީހަކު ޕޮޒިޓިވްވުމާއެކު، އެ ސްޓޭޓުން "ސްޓޭޓް އޮފް ކެލެމިޓީ" އެއް އިއުލާންކޮށްފައިވާތީ، ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް ދިވެހިން އެ ސްޓޭޓަށް ނުދިއުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ "ސްޓޭޓް އޮފް ކެލެމިޓީ" ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި މިވަގުތު އިންޑިއާގެ އެކި ސްޓޭޓުތަކުގައާއި ވަކިން ހާއްސަކޮށް ކެރަލާ ސްޓޭޓުގައި ދިރިއުޅޭ އަދި އެގައުމަށް ޒިޔާރަތްކުރާ ދިވެހީން ފޮރިން މިނިސްޓްރީ ނުވަތަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާ ގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އެދިފައެވެ.
އިންޑިއާގެ ކެރެލާއަކީ ދިވެހިން އާންމު ގޮތެއްގައި ބޭސްފަރުވާއަށް ގޮސް އުޅޭ ސްޓޭޓެކެވެ.