އަލީ ޔާމިން
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ޝިއާރާއި އިންތިހާބަށް ހާއްސަކޮށްގެން އުފެއްދި ޔޫޓިއުބް ޗެނަލް މިރޭ އިފްތިތާހުކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ޝިއާރާއި އިންތިހާބަށް ހާއްސަކޮށްގެން އުފެއްދި ޔޫޓިއުބް ޗެނަލް އިފްތިތާހުކޮށްފައިވަނީ، މިރޭ އިލެކްޝަން ކޮމިޝަން (އީސީ) އިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޝިއާރަކީ "މަގޭ ވޯޓް، މަގޭ ނިންމުން" އެވެ. އަދި ކައުންސިލް އިންތިހާބާމެދު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ތައާރަފް ކުރެވުނު ޔޫޓިއުބް ޗެނަލް އިފްތިތާހުކޮށްދެއްވީ ސިޔާސީ ޕާޓީތަކުގެ ވެރިންނެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާއިރު މިއީ އެ ކޮމިޝަންގެ ތާރީހުގައި އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވޭ އެންމެ ތަފާތު އިލެކްޝަން ކަމަށެވެ.
"މިފަހަރު މި ބާއްވާ އިންތިހާބަކީ އިލެކްޝަން ކޮމިޝަންގެ ތާރީހުގައި ބާއްވާ އެންމެ ތަފާތު ބޮޑު އިންތިހާބު. ދިވެހި ރާއްޖޭގެ ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު އަޅުގަނޑުމެންނަށް މިވަނީ ތަފާތު އެހެން އިންތިހާބެއް ބާއްވަން ޖެހިފައި. ގާނޫނުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ވެސް ހަމަ އެ ދުވަހު އޮންނާނެ. މިއީ އިލެކްޝަން ކޮމިޝަންގެ ތާރީހުގައި އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވާ ފުރަތަމަ ފަހަރު،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި 1،912 ކެންޑިޑޭޓުން އިންތިހާބު ކުރާނެ ކަމަށެވެ. އެއީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި 982 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 930 ކެންޑިޑޭޓުންނެވެ. އަދި މުޅި އިންތިހާބުގައި 6،000 ވުރެ ގިނަ ކެންޑިޑޭޓުން މިފަހަރު ވާދަކުރާނެ ކަމަށް ލަފާކުރެވޭއިރު ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި 7000 ވަރަކަށް އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވިއެވެ.
އީސީން ލަފާކުރާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި 545 ވޯޓު ފޮއްޓެއް ބަހަށްޓަން ޖެހޭނެއެވެ. އެއީ މާލޭގައި 173 ވޯޓު ފޮއްޓާއި އަތޮޅު ތެރޭގައި 322 ވޯޓު ފޮއްޓާއި ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން ސިނާއީ ރަށްތަކުގައި 42 ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށް ވޯޓު ފޮއްޓެވެ.