ޚަބަރު

ދިވެހި ސަރުކާރުން ޗައިނާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމައިފި

ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާގެ ރައްޔިތުންނަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމާވައިފަނީ ޗައިނާގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމަށް ދިމާވެފައިވާ ހާލަތުގައި ދިވެހި ރައްޔިތުން، ޗައިނާ ރައްޔިތުންނާއެކު ތިބިކަމުގެ ރަމްޒެއްގެ ގޮތުންނެވެ.

އެގޮތުން ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުން ދޭން ނިންމި އެ ހަދިޔާ ރަމްޒީކޮށް ޗައިނާ ސަރުކާރާ ވަނީ ހަވާލު ކުރައްވައިފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ ހަދިޔާ ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެހީއާ ހަވާލުވެ ވަޑައިގަތީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގްއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަހަ ދެކޮޅަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާ ރައްޔިތުން ތިބީ އެގައުމުގެ ސަރުކާރާ ރައްޔިތުންނާއެކުގައި ކަމަށެވެ.

މިދަނޑިވަޅުގައި ޗައިނާގައި ތިބި ދިވެހި ރައްޔިތުންނަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމާއި ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަން ދިވެހި ސަރުކާރުން ފާހަގަކޮށް ބަލައިގަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.