ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަލީ ޔާމިން

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިރޭ ހުޅުވާލައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 އިއުލާން ކުރުމަށް މިރޭ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި އެކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، މިރެއިން ފެށިގެން އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

"ﷲ ގެ އިރާދަފުޅާއި އެކުގައި މިވަގުތުން ފެށިގެން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން. އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމު މިރޭވެސް 10 އެއް ޖަހަންދެން އަދި ކޮންމެ ރެޔަކުވެސް 10 ޖަހަންދެން އިލެކްޝަން ކޮމިޝަނުންނާއި، 24 ގަޑިއިރު އިލެކްޝަން ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ލިބިގެންދާނެ. އަޅުގަނޑުމެން ހަމަ މިއާއެކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވާދަކުރުމުގެ ފުރުސަތު 4 ފެބްރުއަރީން ފެށިގެން 24 ފެބްރުއަރީގެ ނިޔަލަށް ހުޅުވާލަން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، މިފަހަރުގެ އިންތިހާބަކީ އިލެކްޝަންސް ކޮމިޝަންގެ ތާރީހުގައި އަދި ރާއްޖޭގެ ތާރީހުގައިވެސް ބޭއްވޭ އެންމެ ތަފާތުބޮޑު އިންތިހާބު ކަމަށެވެ. ދިވެހި ރާއްޖޭގެ ލާމަރުކަޒީ ގާނޫނަށް ގެނައި އަށްވަނަ އިސްލާހާއެކު ކައުންސިލްތަކުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި އެ އިސްލާހާއެކު ލޯކަލް ކައުންސިލް އިންތިހާބާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުވެސް ބާއްްވަން ޖެހެއެވެ.

"މިފަހަރު މި ބާއްވާ އިންތިހާބަކީ އިލެކްޝަންސް ކޮމިޝަންގެ ތާރީހުގައި ބާއްވާ އެންމެ ތަފާތު ބޮޑު އިންތިހާބު. ދިވެހިރާއްޖޭގެ ލާމަރުކަޒީ ގާނޫނަށް ގެނައި އަށްވަނަ އިސްލާހާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު އަޅުގަނޑުމެންނަށް މިވަނީ ތަފާތު އެހެން އިންތިހާބެއް ބާއްވަން ޖެހިފައި. ގާނޫނުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުވެސް ހަމަ އެ ދުވަހު އޮންނާނެ. މިއީ އިލެކްޝަންސް ކޮމިޝަންގެ ތާރީހުގައި އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވާ ފުރަތަމަ ފަހަރު،” އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި 1،912 ކެންޑިޑޭޓުން އިންތިހާބު ކުރާނެ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބުގައި 982 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 930 ކެންޑިޑޭޓުން އިންތިހާބު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 545 ވޯޓު ފޮށްޓެއް ބަހަށްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފައިވެއެވެ. އެއީ މާލޭގައި 173 ވޯޓު ފޮށި، އަތޮޅު ތެރޭގައި 322 ވޯޓު ފޮށި، ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން ސިނާއީ ރަށްތަކުގައި 42 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި އަށް ވޯޓު ފޮށްޓެވެ.