ޚަބަރު

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ފިރިހެނަކާއި އެކުއްޖާގެ މަންމަ ހައްޔަރުކޮށްފި

އަލީ ޔާމިން

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ފިރިހެނަކާއި އެކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަތި ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު 46 އަހަރުގެ ދިވެހި ވަނީ ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން އެކަން އެނގިހުރެ، ކަމާބެހޭ ފަރާތްތަކަށް ނާނގައި، ކުދިންނާމެދު އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ މަންމަ ވެސް ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި 46 އަހަރުގެ މީހާ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު ކުއްޖާގެ މަންމަގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ތަހުގީގު ކުރަމުން އަންނައިރު، ކުއްޖާގެ މަންމަ ހައްޔަރުކުރުމުން އެ އަންހެން މީހާގެ ބެލުމުގެ ދަށުގައި ތިބި އެހެން ކުދިން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފައެވެ.