އަލީ ޔާމިން
މަތި އުތުރުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އަޕާ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 31 ވަނަ ދުވަހު 50 އަހުރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް މިމަހުގެ އެއްވަނަ ދުވަހު ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ސާދަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ އިރު، ދެކުނުގެ ރަށެއްގައި 38 އަހަރުގެ މަންމައެއް 14 އަހަރުގެ ފިރިހެން ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.