ޚަބަރު

ހިޔާ ފްލެޓު ދިނުމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްސަލަތައް ސިޓީ ކައުންސިލުން ފުލުހުންނަށް ހުށަހަޅަނީ

އަހުމަދު ވަޖީފު

ހިޔާ ފުލެޓު ދިނުމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ޓީވީން ލައިވްކުރި އެ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ދިނުމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެކަމުގައި ސާމިލުވާ ފަރާތްކާ މެދު ޖިނާއީ ކުށެއްގެ ގޮތުގައި ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ފާސްކޮށްފައެވެ.

ފުލެޓު ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ބަލައި، އެކަމުގައި ޑރ. މުއިއްޒާއި އެކަމުގައި ބައިވެރިވެފައިވާ ފަރާތްތަކާ މެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ހުށަހަޅާފައިވަނީ ކައުންސިލަރު ޝާހީން މަހުމޫދެވެ. ޝާހިނުގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފެވެ. އެ ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ޝާހީން ވިދާޅުވީ މިދިޔަ ސަރުކާރުން ފުލެޓު ދިނުމުގައި ޑރ. މުއިއްޒު އަމަލުކޮށްފައި ހުރީ ރަނގަޅަކަށް ނޫން ކަމަށާއި ދުވަހަކުވެސް މާލެ އައިސްފައި ނުވާ މީހުންނަށް ފުލެޓު ދީފައި އެބަހުރި ކަމަށެވެ. އަދި ވަރަށް ހާލުގައި ދިރިއުޅެމުން އަންނަ މާލޭގެ ގިނަ ރައްޔިތުންތަކަކަށް ފުލެޓު ލިބިފައިނުވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މާލޭގެ 30 ޕަސަންޓު ރައްޔިތުން ދިރިއުޅެމުންމިދަނީ ރެފިއުޖީންގެ ގޮތުގައި. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެބަ ބަލަންޖެހޭ މުއިއްޒު ފުލެޓު ދީފައި ހުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ. ބޭއިންސާފުން އެކަން ކޮށްފައި އޮތްތޯ ނުވަތަ ނޫންތޯ ބެލުމަކީ އަޅުގަނޑުމެންނަށް ލާޒިމު ކަމެއް. މާލޭގެ ރައްޔިތުންގެ ހައްގުގައި ވެސް ތަދުވެ އަޅުގަނޑުމެން މިކަން ކުރަން ޖެހޭ. މޯލްޑިވްސް ޕޮލިސް ސާވިސްއަށް މީނަ (ޑރ. މުއިއްޒު)ގެ މައްސަލަ އެބަ ހުށަހަޅަން ޖެހޭ. މީނަ އެކަންޏެއް ނޫން، މީނައާއެކު މިކަމުގައި ބައިވެރިވެފައި ތިބި އެންމެންގެ މައްސަލަ އެބަޖެހޭ ހުށަހަޅަން،" ޝާހީން ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު ޝަމާއު ވިދާޅުވީ ޝާހީންގެ ހުށަހެޅުން ވީހާވެސް އަވަހަކަށް ބަލަން ޖެހޭ ކަމަށާއި މާ ދުރުން އަންނަ ބަޔަކަށް ފުލެޓު ދީފައިވާކަން އެއީ ދެބަސްވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ދުވަހަކު ވެސް މާލެ އައިސްފައި ނުވާ މީހުންނަށް މިދިޔަ ސަރުކާރުން މާލޭގެ ރަށްވެހިކަން ދީފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއަށް 434 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، ހިންގުމާއި އިދާރީ ހަރަދުތަކާއެކު އެ މަޝްރޫއަށް ޖުމުލަ 563 މިލިއަން ޑޮލަރު ހަރަދުވިއެވެ. އަދި ކޮންމެ މަހަކު ކޮންމެ ފްލެޓަކުން 7000 ރުފިޔާ ނަގަނާމަ 15 އަހަރުގެ ތެރޭގައި އެޗްޑީސީއަށް 572 މިލިއަން ޑޮލަރު ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވެސް ވަނީ ހިޔާ މަޝްރޫއުގެ ފުލެޓުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށްވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަހައްދުގައި ވެސް އެބަތިބި ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ 17189 ފޯމެއް މިހާތަނަށް ސްކްރީން ކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.