ފުވައްމުލައް ސިޓީގެ އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ފަރިކެޑެ ސަރަހައްދު ހިމާޔަތް ކުރުމަށް ރައީސް ސޯލިހު ނިންމެވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެބޭފުޅުންގެ ލަފާފުޅާއެކުގައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ، ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާކުރާ ގޮތަށް ހިމާޔަތްކުރުމަށެވެ.
ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. މިގޮތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުންތަކުގެ ތަރޭގައި ކަނޑި މިޔަރު, ފާނަ މިޔަރު, އެންމަޑި އަދި ފެހުރިހި ހިމެނެއެވެ. މި ދިރުންތަކަކީ ބައިނަލްއަގުވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކެކެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ހިމާޔަތްކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ތިލަދުންމަތީގެ 11 ސަރަހައްދެއް މިދިޔަ އަހަރު ވަނީ ހިމާޔަތްކޮށްފައެވެ.