އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގެ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 30 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެމައްސަލަ ހުށަހެޅިފައިވަނީ ރޭ 7:30 ހާއިރު އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ރަށަކުން ކަމަށާއި އެމައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މިއަހަރު ފެށުމަށްފަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކަކީ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ. ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ގިނަވުމުގެ ސަބަބުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް މިއަދު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ.
އެ ބިލުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަކީ އެކުދިންނަށް ލިބިގެންވާ ހައްގެއް ނަމަވެސް ޖިންސީ ގޯނާގެ މައްސަލަތައް މުޖުތަމައުގައި ގިނަ ކަމަށެވެ. ބިލު ހުށަހަޅުއްވި ސަބަބެއް ކަމަށް ޖީހާން ވިދާޅުވީ އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މަދުކުރުން ކަމަށެވެ.
މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި 11 ކުށެއް ހިމަނާފައި ވާއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް ނުހިމެނެއެވެ.