ޚަބަރު

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް ރާއްޖޭގައި ބައިނަލްއަގުވާމީ މިންގަނޑެއް ބޭނުންކުރަނީ

އަލީ ޔާމިން

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މި ނިންމެވުން ނިންމެވީ، މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މިކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން މިކަމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާހަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ރާއްޖޭގައި ފަގީރުކަން މިނެކިރަން މިހާރު ބޭނުންކުރާ އާމްދަނީގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މިންގަނޑުގެ އިތުރުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރާނެ މިންގަނޑެއް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގައި ހުރި ފަރަގުތައް ނައްތާލުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕޮލިސީ ޓޫލްއަކަށް މި އާ މިންގަނޑު ހެދުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑަކީ ތަފާތު އެކި ނަޒަރުން (ސިއްހީ، ތައުލީމީ، ދިރިއުޅުމުގެ ފެންވަރު ފަދަ) ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރެއްގައި ބޭނުންކުރެވެމުންދާ މިންގަނޑެކެވެ. މިއީ މިހާރުވެސް 100 އަށް ވުރެ ގިނަ ގައުމުން ބޭނުންކުރަމުންދާ މިންގަނޑެކެވެ. އަސާސީ ހިދުމަތްތަކުން މަހުރޫމުވުމަކީ ފަގީރުކަމަށް މީހުން ހުށަހެޅޭ ކަމެއްގެގޮތުގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑުގައި ބެލެވިފައިވެއެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އަސާސީ ހިދުމަތްތައް ލިބުމުގައި ރައްޔިތުންގެ މެދުގައި ހުރި ފަރަގު ދެނެގަނެ، މި ތަފާތުތައް ކުޑަކުރުމާއެކު ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އިސްކަންދޭންޖެހޭ ދާއިރާތަކާއި ސަރަހައްދުތައް ފާހަގަކޮށް ހަމަހަމަކަން ފަހިކޮށްދިނުމުގައި ރިއާޔަތްކުރާ އިންޑިކޭޓަރެއްގެ ގޮތުގައި ވެސް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު ބޭނުންކުރުމަށް ވަނީ ނިންމަވައިފައެވެ.

މި އިންޑެކްސް އެކުލަވައިލައްވާފައިވަނީ ޕްލޭނިން މިނިސްޓްރީން ކުރި ފަންނީ މަސައްކަތްތަކަށް ފަހުގައެވެ. ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވާލުމަށް ކަނޑައަޅާފައިވާ މެތޮޑޮލޮޖީއަށް ބަލާއިރު، މި އިންޑެކްސް އެކުލަވާލުމުގައި ބޭނުންކުރާ ހުރިހާ ޑޭޓާއަކީ އެއް ސާވޭއަކުން އެއްކުރެވިފައިވާ ޑޭޓާއަށް ވާންޖެހެއެވެ. އެހެންކަމުން، ޓެކްނިކަލް ފެންވަރުގައި ކުރި ދިރާސާތަކުން މިކަމަށް އެންމެ އެކަށީގެންވަނީ ޑިމޮގްރަފިކް ހެލްތު ސާވޭ (ޑީ.އެޗް.އެސް) ގައި ހިމަނާފައިވާ ޑޭޓާއެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު ގިނަ ގައުމުތަކުން ބޭނުންކުރަމުން ގެންދަނީ އެގައުމެއްގެ ހާލަތު ރަނގަޅަށް ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރެއްގައި އެކުލަވައިލައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައިވެސް ބޭނުންކުރަމުންނެވެ.

ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވައިލައިފައިވަނީ، އޮކްސްފޯޑް ހިއުމަން ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާ ގުޅިގެން ޔުނިސެފް ރީޖަނަލް އޮފީސް ސައުތު އޭޝިއާ އާއި ޔުނިސެފް މޯލްޑިވްސްގެ އެހީއާއެކު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެން.ބީ.އެސް) އިން ކޮށްފައިވާ މަސައްކަތުންނެވެ.