ޚަބަރު

ކޮރޯނާވައިރަހާ ގުޅިގެން މިނިސްޓްރީތަކުން އަޅަމުން ގެންދާ ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި

މަރިޔަމް ޝަހުދާ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ މިނިސްޓްރީތަކުން އަޅަމުން ގެންދާ ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެއް ކަމުން، އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެއަށް ކޮރޯނާ ވައިރަސް ބޭރުން އައުމުގެ ފުރުސަތު ކުޑަ ކުރުމަށް ކަމަށެވެ.

އެގޮތުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައްޔިތުންގެ މެދުގައި މިރޯގާ އާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވަމުން ގެންދަވާއިރު ދުނިޔެއިން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރެވެންދެން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ރާއްޖޭގައި އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވަނީ، ރާއްޖޭގެ ބައެއް އަވަށްޓެރި ހިސާބުތަކަށް މި ބަލި ފެތުރެން ފެށުމާއެކު މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުއްވުމަށް އެދިވަޑައިގެންފައެވެ. އަދި ގަވާއިދުން ހަބަރު ފަތުރާ ވަސީލަތްތަކާއި ބައްދަލުކުރައްވާ ރައްޔިތުންނަށް އެ ބައްޔާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ވައިރަހުގެ ހަބަރު ސަރުކާރަށް ލިބުމާއެކު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ވަނީ، ފިޔަވަޅުތައް އެޅުމަށް ވަޒީރުންނާއި ވުޒާރާތަކުގެ ވެރިންނާއި މުވައްޒަފުން އަދި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭފުޅުން، ރިޒޯޓުތަކާއި ގެސްޓްހައުސްތަކާއި އަދި ކަމާގުޅޭ އަމިއްލަ އެހެން އިދާރާތަކުން އެކަމަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތުކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.