ޚަބަރު

ބިޑަކާ ނުލައި ރަށްތައް ދޫނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާޙު ހުށަހަޅަނީ

އަހުމަދު ޖައިޝަން

ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް ބިޑަކާނުލައި ރަށްތައް ދޫ ނުކުރެވޭ ގޮތަށް ހެދުމަށް ޓުއަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ އެ ބިލް ވެއްދީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއް ނުވަތަ ބިމެއް ޓުއަރިޒަމްގެ ބޭނުމަކަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ނުލިބޭ އުސޫލެއް ކަމަށެވެ.

އަދި މިހާރު އޮތް އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ކުރުމުގެ ފުރުސަތު އޮތް އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ މަޖިލީހަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށް، ބިން އަދި ފަޅުތައް ކުއްޔަށް ދެވެން ޖެހޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑައަޅާ އުސޫލުތަކެއްގެ މަތީން ކަމަށެވެ.

އެތަންތަން ހައްގުވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް ވަނީ އެ އިސްލާހުގައި ބުނެފައެވެ.