މައުލޫމާތު ހޯދައި ލިބިގަތުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތް ކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޓްރާންސް ޕޭރެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކްޓިން އެގްޒެކްޓިވް ޑިރެކްޓަރު އައިމަން ރަޝީދެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ ކުރިން އެއްބަސްވުމެއް ނެތިވެސް ކޮމިޝަނުން ދިޔައީ އެޖަމާއަތަށް އެއްބާރުލުން ދެމުން ކަމަށެވެ. ނަމަވެސް މިއަދު ސޮއިކުރެވިގެން ދިޔަ އެއްބަސްވުމުގެ ދަށުން ފުޅާ ދާއިރާއެއްގައި ހާމަކަން ބޮޑު ދައުލަތެއް އުފެއްދުމަށް ކުރިޔަށްވުރެ ބޮޑަށް އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ. އަދި ޓްރާންސް ޕޭރެންސީ މޯލްޑިވްސްއަކީ އެކޮމިޝަނަށް ވަރަށް ގިނަ ކަން ކަމުގައި ހިޔާލު ދެމުން އަންނަ އަދި މައުލޫމާތު ހޯދައި ރައްޔިތުނާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާ ޖަމާއަތެއް ކަމަށެވެ.
"މިއެއްބަސްވުމުގެ ދަށުން ދެބައިމީހުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، މިދާއިރާއަށް ތަރައްގީ އަންނާނެ." އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ.
ޓްރާންސް ޕޭރެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވި އެޖަމިއްޔާގެ އެކްޓިން އެގްޒެކްޓިވް ޑިރެކްޓަރު އައިމަން ރަޝީދު ވިދާޅުވީ ހާމަކަން ނެތި ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށާއި އަދި ޖަވާބުދާރީވެސް ނުކުރެވޭނެ ކަމަށެވެ.
"މައުލޫމާތު ދިނުމުގެ ހާމަކަން ނެތި ކޮރަޕްޝަން ނުހުއްޓުވޭނެ. އިންފޮމޭޝަން ކޮމިޝަނަކީ މިހާރު ދައުލަތުގެ ނިޒާމު އޮތް ގޮތަށް ބަލާނަމަ އޭގެ ޒާތުގައި ދައުލަތުގެ ކަރަޕްޝަން ހުއްޓުވައި ދައުލަތް ޖަވާބު ދާރީ ކުރުމަށް އޮތް އެންމެ މުހިއްމު މުއައްސަސާ." އައިމަން ވިދާޅުވި އެވެ.
މައުލޫމާތު ދިނުމާއި މައުލޫމާތު ފޯރުކޮށް ދިނުމުގައި އިންފޮމޭޝަން ކޮމިޝަނުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތް އައިމަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ތާގައި މައުލޫމާތުގެ މިނިވަންކަމުގެ ދާއިރާ ފުޅާވެ އިތުރު ހިތްވަރަކަށްވެ އަދި ހަމަ އެއާއި އެކު ދައުލަތަކީ ރައްޔިތުންގެ އެއްޗަކަށް ވެގެން ދިއުން ކަމަށެވެ.