ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި 84 ޕަސަންޓް މީހުން މަރުވާ ކަމަށާއި އޭގެ ތެރެއިން 17 ޕަސަންޓް މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ދައްކާ ގޮތުން ރާއްޖޭގައި ގައިން ގަޔަށް ނަރާބަލިތަކުގެ ތެރެއިން 84 ޕަސެންޓް މީހުން މަރުވާއިރު އޭގެތެރެއިން 17 ޕަސަންޓް މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށެވެ.
އާސަންދަ އަދި އެންސްޕާ އިން 2016 ވަނަ އަހަރު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރެވެ.
އެޗްޕީއޭއިން ބުނީ، ރާއްޖޭން ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖައްމިއްޔާތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ އެކި މަސައްކަތްތަކާއި ކެންސަރު ބަލީގެ ދަފްތަރު އެކުލަވާލެވި ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ރާއްޖެގެ އެކި ކަންކޮޅުތަކުގައި ހިންގުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް "ނޭޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭން" މި އަހަރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓްގައި ބުނާގޮތުން ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ. އެގޮތުން 2018 ވަނަ އަހަރު އެބަލީގައި 9.6 މިލިއަން މީހުން މަރުވެފައެވެ.
އޭގެތެރޭގައި 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ މީހުން މަރުވެފައިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލީގެ، ހިރާސްތަކާއި ދުރުވުމުން އެފަދަ ބަލިތަކުން ސަލާމަތްވެ ހުރެވޭނެ ފަދަ ކެންސަރު ބަލިތަކުގައެވެ. އެގޮތުން ކެންސަރު ބަލީގެ ހީރާސްތަކުގެ ތެރޭގައި ދުންފަތް، އިރުގެ ދޯދިތަށް، ދުފާ ފުވަށް، ހެޕަޓައިޓަސް ބީ/ ހިއުމަން ޕެޕިލޯމާ ފަދަ ވައިރަސް އަދި ރޭޑިއޭޝަން ފަދަ ރޭޑިއޯ އެކްޓިވް މާއްދާތަށް ހިމެނެއެވެ.