އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް ނޮވެލް ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެހީން ދިރިއުޅޭ ގައުމެއް ނުވަތަ އެގައުމަކާއި އެންމެ ކައިރި ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓްރީވުމަށް އަނެއްކާވެސް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ވަނީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ ގައުމުތަކުގައިވެސް މިހާރު ކޮރޯނާ ވައިރަސް ފެތުރެމުންދާ އިރު، އެމްބަސީ ނުވަތަ ހައިކޮމިޝަންގައި ރަޖިސްޓްރީކޮށްފައި އޮތުމުން އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމަށް ބުނެފައެވެ.
އެމްބަސީ ނުވަތަ ހައިކޮމިޝަންގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކަމާއެކު، ސިއްރު މައުލޫމާތުގެ ގޮތުގައި ބެހެއްޓޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން ރަޖިސްޓްރީކުރުމަށް ފަސޭހައަކަށް ޓަކައި އެކި ނަމްބަރުތަކާއި އީމެއިލް އެޑްރެސްތައް ކަނޑައަޅާފައިވާނެ ކަމަށް މިނިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ކޮންމެ މިޝަނެއްގެވެސް ޓުވީޓާ ފީޑުގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
އަވަށްޓެރި ގައުމުތަކުގެ ތެރެއިން އިންޑިއާ އަދި ލަންކާއިން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ލަންކާއިން ފެނިފައިވާ މީހާ ފަރުވާއަށްފަހު ރަނގަޅުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ. ނަމަވެސް އިންޑިއާއިން ވަނީ މި ބަލި ޖެހިފައިވާ އިތުރު ތިން މީހަކު ފެނިފައެވެ.