އިބްރާހިމް ޒަކީ
މަނި ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފިއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމަށްފަހު، އެހުކުމް ފަސް ކުރުމުގެ އަމުރަކާއި އިސްތިިއުނާފި މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށްވެސް ހައިކޯޓަށް ވަނީ ހުށަހަޅައިފައެވެ.
މި މައްސަލަ މިދިޔަ މަހުގެ 28 ގައި ހައިކޯޓުގައި ވަނީ ފަށައިފައެވެ.
އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އިސްތިއުނާފުގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ރައީސް ޔާމީން ޝަރީއަތުގައި ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ވަކީލުން ވެސް ހައިކޯޓުގައި އެކަމަށް ވަކާލާތު ކުރެއްވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫނުވެސް، މީގެ ކުރިން ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަންކުރި ކަން ފާހަގަ ކުރައްވައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ކަފާލާތުގެ ހައްގަކީ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުންވެސް ލިބިދޭ ހައްގެއް ކަމަށެވެ.
ނަމަވެސް އެކަމަށް ދެކޮޅު ހައްދަވައި، ދައުލަތުން ބުނީ ކުށް ސާބިތުވުމަށް ފަހު ކަފާލާތު ދެވޭނެ އުސޫލެއް އެއްވެސް ގާނޫނެއްގައި ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ވާގޮތުން ވެސް ކަފާލާތުގެ ހައްގަކީ ހަމައެކަނި ތުހުމަތުގައި ތިބޭ މީހުންނަށް ލިބޭ ހައްގެއް ކަމަށްވެސް ދައުލަތުން ބުންޏެވެ.
ޖަލު ހުކުމް ފަސް ކުރުމަށް ރައީސް ޔާމީންގެ ފަރާތުން އެދި ވަޑައިގެންފައިވަނީ އެމަނިކުފާނު ބޭސް ފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދައާ އެކުގައެވެ.
ހައިކޯޓުގައި ބޭއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ހިތުގެ ސީރިއަސް ބައްޔެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ހިސާބުން ނަފުސާނީ މައްސަލައެއް ވެސް ދިމާވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ހުރިހާ ސިއްހީ މައްސަލަތަކަށް ފަރުވާ ލިބޭނީ ރާއްޖޭން ބޭރުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އޭގެ ތެރެއިން މައި ބަދައިގެ ކަށިގަނޑެއް ގުޑާފައިވާ މައްސަލައަކީ، އެކަމުގެ ޓެސްޓުވެސް ރާއްޖޭން ހެދެން ނެތް ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި ހިތުގެ މައްސަލައަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން، ބޭސް ފަރުވާ ކުރެއްވުމަށް ޓަކައި، ޖަލު ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވައި ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ރައީސް ޔާމީން ހައިކޯޓުގައި އެދިވަޑައިގެންނެވި އެވެ.
ދެގަޑިއިރެއްހާ އިރަށް ކުރިއަށްދިޔަ އެ އަޑުއެހުން ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ ސިއްހަތާބެހޭ ލިޔުންތައް ތިން ދުވަސް ތެރޭގައި ހުށަހެޅުއްވުމަށް އަންގަވައިފައެވެ.
އަދި ކަފާލާތު ދިނުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަން ވެސް ބެންޗުން ވިދާޅުވިއެވެ.