ޖަރުމަނީ ޝެންގެން ވިސާ ދޫކުރާ ވަގުތީ ކްލިނިކެއް ފޮރިން މިނިސްޓްރީގައި ހުޅުވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ކްލިނިކުން ޝެންގެން ވިސާއަށް އެދި 162 މީހުން ހުށަހަޅާފައިވާ ކަމަށާއި އެ ކްލިނިކުގެ ހިދުމަތްތައް ފެބްރުއަރީ ހަވަނަ ދުވަހާ ހަމައަށް ދޭގޮތަށް އިތުރުކުރީ ވިސާއަށް އޮތް ޑިމާންޑް ބޮޑު ކަމުން ކަމަށެވެ. އަދި މި ދުވަސްވަރަކީ އަންނަ މާޗް މަހު ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާއަށް ދާ ފަރާތްތަކުންވެސް ވިސާއަށް އެދި ހުށަހަޅާ ދުވަސްވަރަށް ވުމުން މި ކްލިނިކްގެ ސަބަބުން ވިސާ ހޯދުމުގައި ގިނަ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ޖަރުމަނަށް ދާން ޝެންގެން ވިސާ ކްލިނިކެއް ވަގުތީ ގޮތުން ހުޅުވިއިރު، އެފަދަ ދާއިމީ ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް އެހެން ބައެއް ގައުމުތަކާއި އެކު ވެސް ކުރައްވަމުން ގެންދަވާކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ ވިދާޅުވެފައެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވި މޮބައިލް ބަޔޯމެޓްރިކް ކްލިނިކަކީ އެމްއެމްޕީއާރުސީއާއި ދިވެހި ސަރުކާރުގެ އެހީއާއެކު ރާއްޖޭގައި ހުންނަ ޖަރުމަނު އެމްބަސީން ހުޅުވި ކްލިނިކެކެވެ. މިއީ ރާއްޖޭގައި ޝެންގެން ވިސާ އެޕްލިކޭޝަން ހިދުމަތް ދޭ ދެވަނަ ފަހަރެވެ.