ޕާޓީ ޑްރަގްސްއެއް ބޭނުން ކުރުމުން އޯވަޑޯޒްވި ދެ ކުއްޖަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަަރުވާދޭން ފަށައިފިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހުޅުމާލެ ސެންޓްރަލް ޕާކު ތެރޭގައި ޕާޓީ ޑުރަގްސް ބޭނުން ކުރަނިކޮށް އޯވަޑޯޒްވީ 15 ވަރަކަށް އަހަރުގެ ދެ ކުއްޖެކެވެ. އަދި އެ މައްސަލައިގައި އިތުރު ދެ ކުއްޖަކު ފުލުހަށް ވެސް ގެންދިޔަ ކަމަށްވެއެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކުއްޖެއްގެ ބޭބެއަކު "ވަން" އަށް ބުނީ، އޭނާގެ ކޮއްކޮއަކީ ނަފްސާނީ މައްސަލަ ހުންނަ ކުއްޖެއް ކަމަށެވެ. އަދި ސަކަރާތްވެގެން ހޮސްޕިޓަލަށް ގެންދިޔައީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީ ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އެކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ކުއްޖާގެ ބޭބެ ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ހުރި "ވަން"ގެ ނޫސްވެރިއަކު ބުނި ގޮތުގައި ހޮސްޕިޓަލަށް ގެނައި ދެވަނަ ކުއްޖާގެ ހާލު އަދިވެސް ސީރިއަސްއެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ އަދިވެސް ހޭނާރާ ކަމަށް ބުންޏެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލާއި ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ، މި މައްސަލައާ ގުޅިގެން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އަދި ފުލުުހަށް ގެންދިޔަ ދެ ކުއްޖާ މިހާރު ކޮބައިކަމެއް ވެސް ނޭނގެއެވެ.