މިނިސްޓަރު އަހުމަދު މަޙުލޫފް

ގަލޮޅު ދަނޑު ފުރާލުމުގެ ވިސްނުމެއް ނުގެންގުޅެން، ބޭނުންވަނީ ރަށްރަށުގެ ދަނޑުތައްވެސް ފުރާލަން: މަހުލޫފު

1

ގަލޮޅު ދަނޑަށް ސަޕޯޓަރުން ވައްދައި ފުރާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ބޭނުންވަނީ ރަށްރަށުގައި ތަރައްގީކުރާ ދަނޑުތައް ފުރާލަން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއެކު ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި ވެސް ގަލޮޅު ދަނޑު ނުފުރޭ ވާހަކަ ދެކެވުނު ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ގަލޮޅު ދަނޑު ފުރާކަށް ވެސް. ރާއްޖޭގެ އެހެން ރަށްރަށުގެ ދަނޑުތައް ފުރުނީމަ ނިމުނީ. ރައީސްގެ ވައުދުފުޅަކީ ދަނޑުތައް ފުރާނަމޭ. މާލޭގެ ސަރަހައްދަށް ބަލާ އިރު މާފުށި، ގުރައިދޫގައި ވެސް ފުޓުބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ މަސައްކަތް އެބަކުރަން. އެތަންތަނުގައި މާޒިޔާ އާއި ޓީސީގެ މެޗެއް ކުޅެފިއްޔާ، އަޅުގަނޑަށް ޔަގީން ދަނޑުތައް ފުރޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ މާލެއިން ބޭރުގައި ކުޅިވަރު މުބާރާތެއް ބޭއްވޭނެ ގޮތެއް ވެއްޖެއްޔާ އެ އަމާޒަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ކުރިން ސްވިމިން ޓްރެކެއް ހަމައެކަނި މާލެއިން ފެނުނު ނަމަވެސް މިހާރު އެހެން ސަރަހައްދުތަކުން ވެސް ސްވިމިން ޓްރެކުތައް ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަހަރު އެކަނި އަޅުގަނޑުމެން ހަތަރު ދިމާލުގައި އެކަން ކޮށްދީފިން. މިހާރު އައްޑޫގައި ވެސް އަޅަން ޖެހޭ ދެ ސްވިމިން ޓްރެކް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ. އެހެންވީމާ އަޅުގަނޑުމެންގެ ޖުމުލަ ވިސްނުމަކީ ފުރުސަތުތައް ފަހިވި ވަރަކުން އެރަށްރަށުގައި އެކަންކަން ގެންދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، މާލެއިން ބޭރުގައި ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއް ބޭއްވެން އޮތީ ހަމައެކަނި އައްޑޫގައި ކަމަށާއި އިތުރު ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާލާނެ ތަނެއް ނެތް ކަމަށެވެ. އަދި މިހާރު ރަށްރަށުގައި ފީފާ އެޕްރޫވްޑް ޓާފް ދަނޑުތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟