ޚަބަރު

ޖޭއެސްސީ އުފެދިފައިވާ ގޮތް ބަދަލުނުކޮށް ޖުޑީޝަރީ އިސްލާހެއް ނުކުރެވޭނެ: ޝިޔާމް

އަލީ ޔާމިން

ޖުޑީޝަލް ސާވިސް ކޮމިޝަން އުފެދިފައިވާ ގޮތް ބަދަލު ނުކޮށް، ޖުޑީޝަރީ އިސްލާހު ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރަން ކުރަމުން އަންނަ މަސައްކަތްތަކަށް ފާޑު ވިދާޅުވެ، ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގެއަށް ވަނީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައި ކަމަށާއި، އިންސާފުވެރި ފަނޑިޔާރުގެއެއް އެކުލަވާލެވިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމެއް ނުކުރެވޭނެއޭ ޖުޑީޝަލް ސާވިސް ކޮމިޝަން މިގޮތަށް އޮއްވައެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ހުންނަ ފަނޑިޔާރަކު ބަދަލުވުމަކީ އަދި ސިސްޓަމް ބަދަލުވުން ކަމަކަށް. ސިޔާސީ ނުފޫޒުން އެ ސިސްޓަމް ސަލާމަތްކުރަން، އެއްކިބާކުރަން ބޭނުމިއްޔާ ފުރަތަމަ ކަމަކަށް ޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޯސިޝަން ބަދަލުކުރަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެންމެ މަތީީ ކޯޓު ކަމަށްވާ ސްޕްރީމް ކޯޓުގެ ސްޕްރީމް ލެވެލްގެ ފަނޑިޔާރުންގެ ގޮތުގައި ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅުން ހިމެނޭ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ސްޕްރީމް ލެވެލްގައި ތިބި ބައެއް ފަނޑިޔާރުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭންގައި އެންމެ ގަދައަށް ހަރަކާތްތެރިވެ އުޅުނު ބައެއް ފަރާތްތައް" ޝިޔާމް ވިދާޅުވިއެވެ.