ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު އާސިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައިގެ ރިޕޯޓް މިއަދު ލިބޭނެ ކަމަށާއި، ރިޕޯޓް ލިބުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެމައްސަލައާ ގުޅިގެން، އެ މިނިސްޓްރީގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީން މައްސަލަ ބަލައި އެކުލަވައިލި ރިޕޯޓް މިއަދު ލިިވަޑައިގަންނަވާނެ ކަމަށެވެ.
އަދި އެމައުލޫމާތު ލިބުމުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި، ޖިންސީ ފުރައްސާރަ ކުރުމުގެ މާހައުލެއްގައި އެއްވެސް މީހަކަށް ވަޒީފާ އަދާ ނުކުރެވޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އެމިނިސްޓްރީގައި ވަޒީފާއަދާކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށެވެ. އެހެންކަމުން އެމިނިސްްޓްރީގައި ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވާނެ ކަމަށެވެ. އެ ގޮތުން ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ކަމާ ބެހޭ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ދޭން ނިންމަވައިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.