އަލީ ޔާމިން
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ ޕްރައިމަރީން ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްްވާ މޭޔަރުންނަށް ނާކާމިޔާބީއާ ކުރިމަތިވީ އެމަނިކުފާނު ފެއިލްވުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި އިތުރު ދައުރަކަށް ވާދަކުރެއްވި މިހާރު މޭޔަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ފެއިލްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައެވެ.
ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމްގައި ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ތާއީދުކުރައްވާ ވަރަށް ގިނަ ބޭފުޅުން ކުރިމަތިލެއްވި ކަމަށެވެ. ނަމަވެސް އެބޭފުޅުން ފެއިލްވެގެން ދިއުމަކީ ރައީސް ނަޝީދުގެ ބާރު އެމްޑީޕީގެ އެތެރޭގައި ކެނޑެމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
"ގިނަ މޭޔަރުންނަކީ (ޕްރައިމަރީގައި މޭޔަރުކަމަށް ވާދަކުރެއްވި ބޭފުޅުން) ރައީސް ނަޝީދު އެބޭފުޅުން ގެންނަން ބޭނުންފުޅުވާ ބޭފުޅުން. ރައީސް ނަޝީދަށް ސަޕޯޓްކުރާ މޭޔަރަކު އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުން ބަލިވުމަކީ ރައީސް ނަޝީދުގެ ފެއިލިއާ. އެއީ ރައީސް ޔާމީންގެ ފެއިލިއާއެއް ނޫން. މޭޔަރުން އެކަންޏެއް ނޫން. ރައީސް ނަޝީދު ތާއީދުކުރެއްވި ވަރަށް ގިނަ ކެންޑިޑޭޓުން ފެއިލްވެގެން ދިޔަތަން ފެނިގެން މިދިޔައީ. އެއީ ރައީސް ނަޝީދުގެ ބާރު އެމްޑީޕީގެ ތެރޭގައި ކެނޑެމުންދާ ކަމުގެ އެއް ހެކި،" ޝިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މޭޔަރުންނަށް ވޯޓު ދެއްވަނީ ރައީސް ޔާމީން ނޫން ކަމަށާއި މޭޔަރުންނަށް ވޯޓު ދެނީ ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދިނުމުގައި ބަލާނީ އެ މޭޔަރުންގެ މަސައްކަތުގެ ރޭޓަށް ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ރާއްޖޭގެ ތިން ސިޓީގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުންނެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަދި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފެވެ.
އެގޮތުން ޝިފާ ބަލިކުރައްވާ މާލެ ސިޓީގެ މޭޔަރުކަމުގެ ޓިކެޓް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ކާމިޔާބު ކުރެއްވިއިރު، އައްޑޫ ސިޓީގެ މިހާރުގެ މޭޔަރު ސޯބެ ބަލިކުރައްވާ އެސިޓީގެ މޭޔަރުކަމުގެ ޓިކެޓު ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ. އަދި ފުވައްމަލަކު ސިޓީގެ މިހާރުގެ މޭޔަރު ފަލާހުގެ މައްޗަށް ކުރި ހޯއްދެއްވީ އިސްމާއިލް ރަފީގެވެ.