މާލެ އަތޮޅު ދިއްފުށީގައި ހުންނަ އިޖުތިމާއީ މަރުކަޒުގެ ބޮޑުބައެއް ވީރާނާ ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ދިއްފުށީ ކައުންސިލްގެ ނައިބު ރައީސް، އިބްރާހިމް މުބައްޝިރު ވިދާޅުވީ، ކައުންސިލްގެ ބެލުމުގެ ދަށުން އެރަށުގައި ހިންގާ އިޖުތިމާއީ މަރުކަޒުގެ ބޮޑު ބައެއް ކަތުރުފަނި އެޅުމުގެ ސަބަބުން ހަލާކުވެފައިވާ ކަމަށެވެ.
"ކަތުރުފަނި އަޅައިގެން ވަރަށް ބޮޑު ބައެއް ހަލާކުވެފައި މިވަނީ. ގާތްގަނޑަކަށް މަރުކަޒުގެ 50 އިންސައްތަ މިވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި. ކުޑަދޮރުތަކާއި، ސީލިންގްގެ ބޮޑުބައެއްވެސް މިވަނީ ހަލާކުވެފައި" މުބައްޝިރު ވިދާޅުވިއެވެ.
މުބައްޝިރު ވިދާޅުވީ، އެރަށުގައި ހުންނަ އިޖުތިމާއީ މަރުކަޒަކީ ގިނަ އަހަރުތަކެއް ވެފައިވާ މަރުކަޒެއް ކަމަށާއި، އެތަނުގެ ފާރުތަކުގައިވެސް ޖަހާފައިވަނީ އުވަ ކަމަށެވެ. އަދި ވާރޭ ވެހޭއިރު މަރުކަޒުގެ ތެރެއަށް ކޮންވެސް ވަރަކަށް ފެނުގެ އަސަރު ކުރާ ކަމަށްވެސް މުބައްޝިރު ވިދާޅުވިއެވެ.
"ކަތީބު ޒަމާނުއްސުރެ މިރަށުގައި ހުންނަ އިޖުތިމާއީ މަރުކަޒެއް އެއީ. ފާރުތަކުގައި ޖަހާފައި ވަނީ އުވަ. އެހެކަމުން ކުލަ ކޮޅެއް ލިޔަސް ހަރެއް ނުލާ" މުބައްޝިރު ވިދާޅުވިއެވެ.
މީގެ އިތުރުން މުބައްޝިރު ވިދާޅުވީ، އިޖުތިމާއީ މަރުކަޒުގެ މަރާމާތަށް މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށާއި، އެހެންކަމުން އެރަށުގެ ރައްޔިތުން ބޭނުންވަނީ ޒަމާނީ ޔޫތު ސެންޓަރެއް އެރަށުގައި ހަދަން ކަމަށެވެ. އަދި އެކަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށްވެސް ހުށަހަޅާފައިވާނެ ކަމަށް މުބައްޝިރު ވިދާޅުވިއެވެ.
"ރަށުގެ ރައްޔިތުންވެސް އަދި ކައުންސިލުންވެސް މިހާރު ބޭނުން ވަނީ ޔޫތު ސެންޓަރެއް މިރަށުގައި ހަދަން. އަޅުގަނޑުމެން ވާނީ އެކަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިރަށަށް ވަޑައިގަތުމުން އެބޭފުޅާއަށްވެސް އެކަން ހުށަހަޅާފަ، ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ. މިނިސްޓަރު މަހުލޫފުވެސް ވިދާޅުވީ، މިހާރު ހުރި އިޖުތިމާއީ މަރުކަޒަކީ އެއްވެސް ވަރަކަށް އަލުން މަރާމާތުކުރުން ރަނގަޅު ތަނެއް ނޫން ކަމަށް. އަޅުގަނޑުމެން މި އުންމީދު ކުރަނީ 2021 ވަނަ އަހަރުގެ ބަޖެޓުގައި މިރަށުގެ ޔޫތު ސެންޓަރު ހެދުމަށް ފައިސާ ހިމެނިގެންދާނެ ކަމަށް" މުބައްޝިރު ވިދާޅުވިއެވެ.
ދިއްފުށީގައި ހުންނަ އިޖުތިމާއީ މަރުކަޒު މިހާރު ބޭނުން ކުރަނީ ހިތާނީ މޫސުންތަކާއި، ފިލްމުތައް އެޅުވުމަށެވެ.
އާބާދީގައި ހާހަކަށްވުރެ ގިނަ މީހުން އުޅޭ ދިއްފުށްޓަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެެކެވެ. އެގޮތުން މިހާރުވެސް އެރަށުގެ 15 އަށް ވުރެ ގިނަ ގެސްޓް ހައުސް ހުރެއެވެ.