ވޯޓުގެ ނަތީޖާއާ އެއްގޮތަށް ވެރިކަން ހަވާލުކުރުމުގެ މި މަރުހަލާގައި މުލިއާގެއިން ގެންދަނީ ރައީސް ޔާމީންގެ އަމިއްލަފުޅު ދިރިއުޅުމުގައި ބޭނުންކުރައްވާ ތަކެތި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ މުލިއާގެއިން މިރޭ ގެންދާ ބައެއް ތަކެއްޗަކީ ރައީސް އަމިއްލަފުޅު ދިރިއުޅުމަށް ބޭނުންކުރައްވާ ތަކެތި ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް އެއްޗެއް އޭގައި ނުހިމެނޭނެ ކަމަށެވެ.
މުލިއާގެއިން ލޮރީއެއްގައި ނުފެންނަ ގޮތަށް ހަދައިގެން ބައެއް އެއްޗެހި ގެންދަން ފެށުމާއެކު މިރޭ މުލިއާގޭ ގަރާޖުގެ މެއިންޓެނެންސް ގަރާޖުގެ ގޭޓް ކައިރިއަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފައެވެ. އެ ރައްޔިތުން ބުނަމުން ދިޔައީ މުލިއާގެއިން ނެރެގެން ގެންދަނީ ކޯޗެއްކަން ސާފްވާން ޖެހޭ ކަމަށެވެ.
މުލިއާގޭގެ މެއިންޓެނެންސް ގަރާޖު ކައިރި، ލިލީ މަގަށް މީހުން ޖަމާވެފައި އޮތުމުން އެ ސަރަހައްދުގައި ޕޮލިސްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.