ޚަބަރު

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ރާއްޖެއަކު ނެތް: އެޗްޕީއޭ

އަލީ ޔާމިން

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ހުރެދާނެ ކަމަށް ޝައްކު ކުރެވިގެން އެސްޓީއޯގެ ތެޔޮ ރައްކާކުރާ ރަށް، ފުނަދޫގައި ކަރަންޓީނުކުރި ހަތް މީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެމީހުންގެ ޓެސްޓުތައް ހެދުމަށް ބޭރަށް ފޮނުވައިގެން އެއްވެސް މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިނުވާ ކަމަށާއި އެ އެޖެންސީގެ ބެލުމުގެ ދަށުން އެ ހަތް މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނީ، ރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކުކުރެވިގެން ފުރަތަމަ މީހަކު ކަރަންޓީނު ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށާއި އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވޭތޯ ބެލުމަށް ކުރި ޓެސްޓުން ދެއްކީ "ނެގެޓިވް" ކަމަށެވެ. އަދި އޭގެ ފަހުން އެ ވައިރަހަށް ޝައްކުކުރެވިގެން އިތުރު ހަ މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށާއި އެމީހުންވެސް އެ ވައިރަހަށް ޕޮޒިޓިވް ވެފައިނުވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭގެ ބަޔާނުގައި ބުނީ މިވަގުތު ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އެއްވެސް މީހަކު ނެތް ކަމަށެވެ.

ކޮރޯނާ ވައިރަހަށް ޝައްކުވެގެން ރާއްޖޭގައި ކަރަންޓީން ކުރި މީހުން އެ ވައިރަހަށް ޕޮޒިޓިވްވެފައި ނުވާކަން އިއުލާން ކުރައްވާފައިވަނީ މަޖިލީހުގެ ދައުރު ފެށުމުގެ ގޮތުން މިއަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނުގައެވެ.