ކުނި އެންދުމުގެ ބަދަލުގައި އެކުނިން ނަފާ ހޯދުމަށް ބ. މާޅޮހުގައި ގާއިމްކުރި "އީކޯ- ސެންޓްރޯ" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ސޮނޭވާފުށި ރިސޯޓާއި އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކޮމަން ސީސްއިން ކުރިއަށް ގެންދާ "ނަމޫނާ ބ. އަތޮޅު" މަޝްރޫއުގެ ދަށުން މާޅޮހުގައި މިއަދު ހުޅުވި ސެންޓްރޯއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ގާއިމްކުރި އެފަދަ ފުރަތަމަ ސެންޓްރޯއެވެ.
މާޅޮހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެންޓްރޯ ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ.
ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާންގެ އިތުރުން ސޮނޭވާ ފުށީގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އަދި މާޅޮހުގެ ވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ އީކޯ – ސެންޓްރޯގެ މަސައްކަތް ފެށީ 2014 ވަނަ އަހަރު، ރަށުގެ ފަސް ކައުންސިލަރުން ނުކުމެ ގެތަކުގެ ޑަސްބިން އުކައިގެން ކަމަށެވެ. އެގޮތުން އެދުވަހު ކުނި ކޮމްޕޯސްކުރުމުގެ ނަތީޖާއަކީ މިއަދު އެރަށުގައި ޒަމާނީ ކުނި މެނޭޖްކުރުމުގެ ސެންޓަރެއް ގާއިމްވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.
"ނަމޫނާ ބ. އަތޮޅު" މަޝްރޫއުގެ ދަށުން މާޅޮހުގެ އިތުރުން ބ. އަތޮޅުގެ އިތުރު ދެ ރަށެއްގައި ކުނިން ނަފާ ހޯދުމަށް "އީކޯ- ސެންޓްރޯ"ތަކެއް ގާއިމްކުރަން ސޮނޭވާފުށިން ވަނީ ނިންމައިފައެވެ. އެ ދެ ރަށަކީ ދަރަވަންދޫ އަދި ކިހާދޫއެވެ.