ޚަބަރު

މިހާތަނަށް މައިނޯރިޓީ ލީޑަރެއް ކަނޑައެޅިފަ ނެތުމުގެ ޒިންމާ މަޖިލީހުގެ ރައީސްވެސް ނަންގަވަން ޖެހޭ: މެންބަރު އުޝާމް

މަރިޔަމް ޝަހުދާ

މިހާތަނަށް މައިނޯރިޓީ ލީޑަރެއް ކަނޑައެޅިފައި ނެތުމުގެ ޒިންމާ ކޮންމެވެސް މިންވަރަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދާރީ ވެވޭނީ އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއްކަން ސާފުވުމުން ކަމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

މަޖިލީހުގެ ގަވައިދުގައި ހިމެނޭ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މާއްދާއާއެކު އުޝާމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރެއް ހުންނަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޖޯކަކަށް ހައްދަވާފައި ނަމަވެސް މައިނޯރިޓީ ލީޑަރެއް ނެތް ކަމަށް ވާހަކަފުޅު ދެއްކެވި އިރު އެކަމަކީ އެމަނިކުފާނުވެސް ކޮންމެވެސް ވަރަކަށް އޭގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ޖޯކަކަށް މިއަދު މި ވާހަކަ ދެއްކެވި ނަމަވެސް އަދ މިހާތަނަށްވެސް މައިނޯރިޓީ ލީޑަރެއް ކަނޑައެޅިފަ ނެތުމުގެ ޒިންމާ ކޮންމެވެސް މިންވަރަކަށް މަޖިލިސް ރައީސްވެސް ނަންގަވަން ޖެހޭ
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

އުޝާމް މިހެން ވިދާޅުވިއިރު ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާ މެންބަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމު) ކަމަށް ވިދާޅުވެފައެވެ. އަދި މައިނޯރިޓީ ލީޑަރަކީ ސަލީމްކަން މަޖިލީހުގެ ރައީސަށް އެނގިވަޑައިނުގަތުމަކީ އޮޕޮޒިޝަންގެ މައްސަލައެއް ނޫން ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.