ޚަބަރު

ލަގަނެއް ނެތް އަހެއް ހެން ސިޔާސީ ޕާޓީއެއް ނުބޭއްވޭނެ : އީސީ ޝަރީފް

އަހުމަދު ޖައިޝަން

2

ލަގަނެއް ނެތް އަހެއް ހެން އެއްވެސް ސިޔާސީ ޕާޓީއެއް ދޫކޮށްލާފައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސްގެ ރައީސް މިއަދު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާ އިދިކޮޅު ޕާޓީއެއް އޮތަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުންނާއި އެ ކޮމިޝަންގެ ރައީސް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ނިހާން ކުރެއްވި ތުހުމަތަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އީސީއިން އެދެނީ ގާނޫނު ތަކާއި ގަވާއިދުތަކަށް ފުށުނާރާ ގޮތަށް ކަންތައްތައް ކުރުމަށް ކަމަށެވެ.

އަދި ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ޝަރީފް ވަނީ ކުރީން ފާހަގަކުރައްވާފައެވެ.

"އެހެންނަމަވެސް އެފަދަ ކަމެއް ކުރެވެން އޮތީ ގާނޫނު ތަކާއި ގަވާއިދުތަކާއި އެކަމަށް ހަދާފައިވާ އުސޫލުގެ މަތީން،" ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟