ދަނޑުވެރީންގެ އުފެއްދުންތައް މާކެޓުކޮށް ވިއްކޭނެ އިންތިޒާމު މި އަހަރު ތރޭ ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކައި އަދި، ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުން ކަމަށެވެ. އެގޮތުން، ސަރުކާރު ހިއްސާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމްތައް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކައި އަދި، ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުން. މިގޮތުން، ސަރުކާރު ހިއްސާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމްތައް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ."
މީގެ އިތުރުން ދިވެހި މަސްވެރިކަން ތަރަގީކުރަން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށާއި މަސްވެރިންނާއި އޮޑިވެރިންގެ އަމިއްލަ މަސައްކަތުން މަސްވެރިކަން ކުރިއަރުވައި ތަރައްގީކުރިއިރު، އެއާ ގާތްކުރާ މިންވަރަށް ވެސް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ރަނގަޅު ސިޔާސަތެއް ކުރީ ސަރުކާރުތަކުން ގެންގުޅެފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.