ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވައުދުތައް ފުއްދުމަށް ރައްޔިތުން އިންތިހާބުުކުރި ސަރުކާރުގެ އެންމެން އެކުގައި ދެމިތިބޭނެ: ރައީސް

އައިދާ އަބްދުލް ހަކީމް

ރައްޔިތުންނަސް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި، ރައްޔިތުން އިންތިހާބުކުރި ސަރުކާރުގެ އެންމެން އެކުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން މި ސަރުކާރަށް ދެއްވި ސާފު އަޣުލަބިއްޔަތާއެކު، ދިވެހި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދިނުމަށް މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި، އެކަމުގެ ނަތީޖާ ފެންނަމުންދާކަން އެއީ، މިއަދު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް އުފާކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި، ރައްޔިތުން އިންތިހާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް ރައީސް އެރުއްވި އެވެ.

"ދިވެހި ރައްޔިތުން މި ސަރުކާރަށް ދެއްވި ސާފު އަގުލަބިއްޔަތާއެކު، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ވީ ވައުދުތައް ފުއްދައިދިނުމަށް މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި، މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު އެކަމުގެ ނަތީޖާ ފެންނަމުންދާކަން އެއީ، މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އެއް އުފާ. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި، ރައްޔިތުން އިންތިހާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން."

ދިވެހި ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ޖަޒީރާ ރާއްޖޭގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ، ކޮންމެ ހިނދެއްގައި އަދި ކޮންމެ ހާލަތެއްގައިވިޔަސް، ގައުމީ މަސްލަހަތަށް އިސްކަންދީގެން ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"މިއީ، ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކުރައްވާފައިވާ އަމާނާތް އަދާކުރުމުގައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑު އަމަލުކުރަމުން އަންނަ އަދި އިސްކަންދޭ އުސޫލު" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދިވެހި ގައުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުގައިވެސް، ސަރުކާރުން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ އަދި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އަޅާފައި ވާނީ، ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ.

އަދި ގައުމަށާއި ރައްޔިތުންނަށް އެންމެ ލާބަ ހުރި ގޮތްތަކަށް ވިސްނައި ދިވެހި ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރުމަށް އޮތް ސަރުކާރެއްކަން ގަބޫލުކޮށްގެން ހުރެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.