ރާއްޖޭގެ އަސްކަރިއްޔާ ސިޔާސީ ނުފޫޒުން ދުރުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ސީނިއާ އަސްކަރީ އޮފިސަރުން އިންޑިއާއަށް ފޮނުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް އަސްކަރީ ގުޅުން ވަރުގަދަ ކުރެެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު އެބަ ކުރަން ޑިމޮކްރެޓިކް ސޮސައިޓީއެއްގައި ޕްރޮފެޝަނަލް އާމީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ސީނިއާ އޮފިސަރުން އިންޑިއާއަށް ފޮނުވަން،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އިންޑިއާގެ އަސްކަރިއްޔާއާ ގުޅުން ވަރުގަދަކުރުމަށް "ދޯސްތީ" ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށާއި އިންޑިއާގައި އެ ހަރަކާތް ކުރިއަށްދާނީ ލަންކާ ޓްރައިލޭޓަރަލް އާއެކުގައި ކަމަށް އޭޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އަސްކަރިއްޔާ ސިޔާސީ ނުފޫޒުން ދުރުކުރުމަށް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ އަސްކަރިއްޔާވެސް ސިޔާސީ ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އިތުރުން ރާއްޖެއާ އަވަށްޓެރި އެހެން ގައުމުތަކާ މެދު އޮތް އަސްކަރީ ގުޅުންތައް ވަރުގަދަ ކުރުމަށްވެސް މަސައްކަތް ކުރާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.