ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބައިނަލްއަގުވާމީ ފެންވަރަށް ކުޅުންތެރީން ބިނާކުރުމަށް ސަރުކާރު ހަރަދުގައި ކިޔަވައިދޭން ފަށަނީ

އައިދާ އަބްދުލް ހަކީމް

ބައިނަލް އަގުވާމީ ފެންވަރަށް ކުޅުންތެރީން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަށް ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

"ބައިނަލްއަގުވާމީ ފެންވަރަށް ކުޅުންތެރިން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަށް، ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ވާހަކަ މިފުރުސަތުގައި ދަންނަވަން."

މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވަރަށް ކާމިޔާބު އަހަރެއްކަމަށާއި، ދިވެހި އެތުލީޓުން މިދިޔަ އަހަރު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްތަކުން، 13 ރަން މެޑެއްޔާއެކު، ޖުމްލަ 46 މެޑަލް ރާއްޖެއަށް ހޯދާދީފައިވާކަން ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވެވި އެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށް މިއަހަރުގެ ތެރޭގައި އެ ހިދުމަތް ލިބެން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ގައުމީ ޓީމަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔަރކުރުމުން، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ރައީސްވަނީ އިއުލާން ކުރައްވާފައެވެ.

"ގައުމީ ޓީމަކަށް މަދުވެގެން 5 އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔަރކުރުމުން، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތައާރަފުކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން. ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހިދުމަތް ލިބެން ފަށާނެ." ރައީސް ވިދާޅުވި އެވެ.