ޚަބަރު

ރިޕޯޓްފޮތްތައް ހަވާލުކޮށް، ދިރާސީ އަހަރުގެ ކިޔެވުން ނިންމާލައިފި

އަހުމަދު ޖައިޝަން

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންގެ މި އަހަރުގެ ރިޕޯޓުފޮތް ހަވާލުކޮށް، ދިރާސީ އަހަރުގެ ކިޔެވުން ނިންމާލައިފި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ދަރިވަރުންގެ ފަހު ޓާމްގެ ރިޕޯޓް ހަވާލުކުރުން ކުރިއަށް ދާނެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިންމާލާފައިވާއިރު ދަރިވަރުންނަށް ކުރިއަށް އޮތީ ބޮޑު ޗުއްޓީއެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 13 ގައި ކަމަށެވެ.

އަންނަ އަހަރު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 200 ދުވަހުގައެވެ. އެއީ ފުރަތަމަ ޓާމްގައި 93 ދުވަހާއި ދެވަނަ ޓާމްގައި 107 ދުވަހުގައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔަވައިދިނުން ފަށާފައި ވަނީ 80،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެެފައިި ވަނީ މިއަހަރު ރާއްޖޭގެ ސްކޫލުތަކުގައި 6،000 އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަމަށެވެ.

މިއަހަރުގެ ކިޔަވައިދިނުން ފަށާފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި މަސައްކަތްކުރާނެ އަހަރެއް ކަމަށް ބުނެއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ޑިޖިޓަލްކުރުމަކީ ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިއަހަރުގެ މެއި މަހާ ހަމައަށް ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ލިބޭނެ ކަމަށެވެ. ނަމަވެސް އޭގެ އެތައް ދުވަހެއް ފާއިތުވީ އިރުވެސް އެއްބައި ދަރިވަރުންނަށް ޓެބްލެޓް ލިބިފައެއް ނުވެއެވެ.

ދަރިވަރުންނަށް މިއަދު ރިޕޯޓްފޮތް ހަވާލުކުރާއިރު ބައެއް ދަރިވަރުންނަށް މިހާރު ވަނީ ޓެބްލެޓް ހަވާލުކޮށްފައެވެ.