ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހޭ އެންމެނަށް މިއަހަރު އެކަން ހަމަޖެހޭނެ: ރައީސް

އައިދާ އަބްދުލް ހަކީމް

ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކުގެ ތެރެއިން، މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް އާއިލާއެއް އެބަތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އާއިލާތަކަށް ބޭނުންވާ، 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މިއަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށެވެ.

"މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ. ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކުގެ ތެރެއިން، މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް އާއިލާއެއް އެބަތިބި. އެ އާއިލާތަކަށް ބޭނުންވާ، 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މިއަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރު ވާނެ."

ރައީސް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލަ ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަހައްދުގައި ވެސް އެބަތިބި ކަމަށެވެ.

ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީން ކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން ކަަމަށް ރައީސް ވިދާޅުވިއެވެ. މިހާތަނަށް މުޅި ޖުމުލަ، ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިޔާ މަޝްރޫއުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.