ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިޔާ މަޝްރޫއުގެ 7000 ފްލެޓް މި އަހަރުތެރޭ ހައްގުވެރިންނާ ހަވާލުކުރެވޭނެ: ރައީސް

އިބްރާހިމް ޒަކީ

ހިޔާ މަޝްރޫއުގެ ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި އެ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަން ފާހަގަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަހައްދުގައި ވެސް އެބަތިބި ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ 17189 ފޯމެއް މިހާތަނަށް ސްކްރީން ކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިހާތަނަށް މުޅި ޖުމުލަ، ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާނުކުރުމަށް ތައްޔާރު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތްގޮތަށް، މި އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.