އިބްރާހިމް ޒަކީ
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 753 މިލިއަން ޔޫއެސް ޑޮލަރު ކަމަށާއި މިހާރުގެ އަންދާޒާއަށް ބަލާ އިރު މިއަހަރު ނިމޭ އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި 818 މިލިއަން ޑޮލަރު ޔޫއެސް ޑޮލަރު ހުންނާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫއެސް ޑޮލަރު ކަމަށެވެ.
ޤައުމީ ތަރައްގީގެ ދުވެލި ހަލުވިކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް މިހާރުވާނީ އެއް ގާނޫނެއްގެ ދަށަށް ގެނެވިފައި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި ބަދަލާއެކު އަލަށް ތައާރުފުވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، އޭޕްރީލް މަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް ގަސްތު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރި މިސްރާބާއި، ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ހުންނާނެ ކަމަށް ބެލެވެނީ 7.5 އިންސައްތައިގައި ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ އެކެއް އިންސައްތައިގައި ކަމަށްވެސް ވިދާޅުވިއެވެ.