ކީރިތި ރަސޫލާގެ އީދު މީލާދު މި ސަރުކާރުގައި ފާހަގަކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމަށް ޓަކައި މަރުހަބާ ވިދާޅުވާ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް އަލީ ޒައިދު އެ ގޮތަށް މަރުހަބާ ވިދާޅުވީ އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ.
ޒައިދުގެ ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ބިދުއަ އެކެވެ.
ބިދުއަ އަކީ ދީނީ ކަމަކަށް އަމިއްލަ އަށް ހަދައިގެން އުޅޭ އެހެން ނަމަވެސް ދީނުގައި އަސްލު ނުވާ ކަންކަމަށް ކިޔާ ނަމެކެވެ.
ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހު އެވެ. ސަރުކާރުން މި އަހަރު އެދުވަސް އެއްވެސް މިންވަރަކަށް ފާހަގަކުރައްވައިފައެއް ނުވެ އެވެ.
ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަ ކުރުމަކީ ބިދުއައެއް ކަމަށް ޝެއިޚް ޒައިދު ވިދާޅުވި އިރު، އެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަތާ އަހަރު ތަކެއް ވެއްޖެ އެވެ. އަދި ރާއްޖޭގެ ތާރީޚުން އެނގޭ ގޮތުގައި އެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން އެކި ކަހަލަ ކަންކަން ކޮށްފައިވެސް ވެއެވެ. ރައީސް އަމީން އަދި ރައީސް ނާސިރުގެ ދައުރުގައި ވެސް ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރަމުން އައިސްފައިވެ އެވެ. ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ސީދާ ސަރުކާރުން އިސްވެ ބޮޑު މާލޫދު ބާއްވާފައިވެ އެވެ. ރައީސް މައުމޫނުގެ ދުވަސްވަރުގައި ވެސް އީދު މީލާދު ފާހަގަކުރުމުގެ ގޮތުން ޖަލްސާތައް ވެސް ބާއްވާފައިވެ އެވެ.
ދާދި ފަހަކާ ޖެހެންދެން ރާއްޖޭގެ އެކި ރަށްރަށުގައި އީދު މީލާދު ދުވަހު، ބޮޑު މާލޫދު ކިޔުން ވެސް އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގައި އޮވެ އެވެ. ފަރުދީ ފެންވަރުގައި ގޭގެއަށް މީހުން ގެންގޮސްގެން ވެސް އެކަން ކުރެ އެވެ. މި ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ތިއްބަވަނީ އަތޮޅު ތަކުގަ އާއި ރަށްރަށުގައި ތިއްބަވާ އެންމެ ބޮޑެތި ދީނީ އިލްމުވެރީންނެވެ. މިއަހަރުގެ ވެސް ރާއްޖޭގެ ބޮޑު އަތޮޅެއްގެ މައި ރަށެއްގައި އީދުމީލާދު ދުވަހު ބޮޑު މާލޫދު އޮތް ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
ދާދި ފަހަކާ ޖެހެންދެން ރާއްޖޭގެ ދައުލަތުގެ މީޑިއާ ހިމެނޭ ގޮތުން މީޑިއާ ތަކުން ވެސް އީދު މީލާދު ވިލޭރެ އާއި އީދު މީލާދު ދުވަހު މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބްރޯޑްކާސްޓެއް ނުކުރެ އެވެ. ވަކީން ޚާއްސަކޮށް ލަވަ އާއި ނެށުން ފަދަ ކަންކަން ހިމެނޭ ކަންކަން އީދު މީލާދު ވިލޭރެ އާއި އީދު މީލާދު ދުވަހު ކުރިޔަކަށް ނުގެންދެ އެވެ.