އިބްރާހިމް ޒަކީ
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީ ވެސް ބޮޑު ބަޖެޓަކަށް ވާނެ ކަމަށާއި އެޔަށް ފަހު އަމާޒު ހިފާނީ ދަރަނި ކުޑަ ބަޖެޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ މި އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީވެސް، ބޮޑު ބަޖެޓަކަށް ވާނެ ކަމަށާއި ސަބަބަކީ، "މިއަހަރާއި އަންނަ އަހަރަކީ، އަޅުގަނޑުމެންގެ ތަރައްގީގެ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރު ކަމަށްވާތީ،" ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރަށްފަހު އަމާޒު ހިފާނީ، ދަރަނި ކުޑަ ބަޖެޓަކަށް ކަމަށާއި، މިއީ ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމުލަ 23.1 ބިލިއަން ރުފިޔާ ކަމަށެވެ. މިދިޔަ އަހަރު ދައުލަތުގެ ޖުމުލަ ހަރަދަކީ 28.3 ބިލިއަން ރުފިޔާ، އަދި ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިނގަމުން މިދާ 2020 ވަނަ އަހަރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު، 30 އިންސައްތަ އިތުރު މިންވަރެއް ކަމަށާއި، މި އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ، 24.7 ބިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު، 12 އިންސައްތަ އިތުރު މިންވަރެއް ކަމަށާއި އަދި މި އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.