ވަޒިފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހަޅުއްވަން ގަސްދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް މިހާރުވަނީ އެއް ގާނޫނެއްގެ ދަށަށް ގެނެވިފައި ކަމަށެވެ. މި ބަދަލާއެކު އަލަށް ތައާރަފުވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް މިހާރުވަނީ އެއް ގާނޫނެއްގެ ދަށަށް ގެނެވިފައި. މި ބަދަލާއެކު އަލަށް ތައާރަފުވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ކުރިއަށްދާނެ. އަދި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް އަޅުގަނޑު ގަސްދުކުރަން."
ރައީސް ވިދާޅުވީ މިއަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީ ވެސް، ބޮޑު ބަޖެޓަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސަބަބަކީ، މިއަހަރާއި އަންނަ އަހަރަކީ، ތަރައްގީގެ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރަށް ވާތީ ކަމަށާއި އެއަށް ފަހު އަމާޒު ހިފާނީ، ދަރަނި ކުޑަ ބަޖެޓަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިއީ ރަނގަޅު ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމުލަ 23.1 ބިލިއަން ރުފިޔާ ކަމަށެވެ. މިދިޔަ އަހަރު ދައުލަތުގެ ޖުމުލަ ހަރަދަކީ 28.3 ބިލިއަން ރުފިޔާ ކަމަށާއި ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިނގަމުން މިދާ 2020 ވަނަ އަހަރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 30 އިންސައްތަ އިތުރު މިންވަރެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 24.7 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 12 އިންސައްތަ އިތުރު މިންވަރެއް ކަމަށާއި މިއަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރި މިސްރާބާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނެކަމަށް ބެލެވެނީ 7.5 އިންސައްތައިގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެކަމަށް ބެލެވެނީ 1.0 އިންސައްތައިގަ ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 753 މިލިއަން ޔޫ.އެސް ޑޮލަރުގައި ކަމަށާއި، އަދި މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި، 818 މިލިއަން ޔޫއެސް ޑޮލަރު ހުންނާނެކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫއެސް ޑޮލަރުކަމަށެވެ.