މާލެ-ތިލަފުށި ގުޅުވައިދޭ ގުޅުވައިދޭ ބުރިޖަގެ ޑިޒައިން އާއި ސާވޭގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ބުރިޖުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭ ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ގުޅީފަޅުގައި ހެދުމަށް ނިންމާފައިވާ ވިޔަފާރި ބަނދަރުގެ މާސްޓާ ޕްލޭންގެ މަސައްކަތް ނިންމައި އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރަށް ހަދާ މި ވިޔަފާރި ބަނދަރު ތަރައްގީ ކުރަނީ އަހަރެއްގެ މައްޗަށް އެވަރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވާ ބޭލުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ކަމަށެވެ.
"މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ބްރިޖުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭ ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރުވެސް މަސައްކަތް ފަށާފައިވާ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން، އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމް އަންނަ އޭޕްރީލް މަހު ހަމަޖައްސަވާނެ ކަމަށެވެ އަދި މި ޕޯޓަލްއާއި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް ގުޅާލެވި، އަންނަ އަހަރު ތެރޭ އިމްޕޯޓް-އެކްސްޕޯޓްގެ ހުއްދަތައް އޮންލައިންކޮށް ފޯރުކޮށްދޭން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަނާއި ގުޅޭގޮތުން ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެސްއެމްއީ ލޯނުގެ ގޮތުގައި 301 ވިޔަފާރިއަކަށް ޖުމުލަ 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިދިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެސްއެމްއީ ލޯނުގެ ގޮތުގައި މިއަހަރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ ފަންޑެއްގެ ގޮތުގައި އެސްއެމްއީ އިނޮވޭޝަން ފަންޑެއް އިފްތިތާހު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފަންޑުގެ ތެރެއިން ޒުވާނުންގެ އީޖާދީ ހިޔާލުތަށާއި ވިޔަފާރިތަކަށް ފައިސާ ލިބޭނެގޮތް ހަމަޖެހިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިއީ ކުދި ވިޔަފާރިތަކާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން ވިޔަފާރީގެ ބޭނުންތަކަށް ފައިސާ ހޯދޭނެ ގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރު ކަމަށް ރައީސް ފާހަގަކުރެއްވެވި އެވެ.