އިބްރާހިމް ޒަކީ
މިދިޔަ އަހަރަކީ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ބައިނަލްއަގުވާމީ އާއިލާގެ ތެރެޔަށް ރާއްޖެއަށް އަލުން ވަދެވުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
އެމަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަވަށްޓެރި އަދި ރަހުމަތްތެރި ގައުމުތަކާއެކު، ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ގާއިމުކުރެވި، ތައުލީމީ ފުރުސަތުތަކާއި، މާލީ އެހީތެރިކަމާއި، ދަތުރުފަތުރުކުރުމުގެ އެތައް ލުއިފަސޭހަތަކެއް ލިބިއްޖެ ކަމަށެވެ.
އެގޮތުން އިންޑިޔާ، ރަޝިޔާ، ތައިލޭންޑް އަދި ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައިވާ ކަމަށާއި، މޮރޮކޯ އާއި ޗައިނާއަށް ދަތުރުކުރުމުގައިވެސް ވަރަށް އަވަހަށް އެ ލުއިފަސޭހަތައް ލިބޭނެ ކެމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާއި ޖަރުމަނު ސަރުކާރު ގުޅިގެން، ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް، ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިންޑިޔާ، ރަޝިޔާ، ތައިލޭންޑް އަދި ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައި. އޭގެ އިތުރުން، މޮރޮކޯއާއި ޗައިނާއަށް ދަތުރުކުރުމުގައިވެސް ވަރަށް އަވަހަށް އެ ލުއިފަސޭހަތައް ލިބޭނެ. ރާއްޖެއާއި ޖަރުމަނު ސަރުކާރު ގުޅިގެން، ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް، ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް، އަންނަ މާޗް މަހުގައި ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ މުޖުތަމައުގެ ފުރިހަމަ އެހީތެރިކަމާއެކު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހިރާއްޖެ އަނެއްކާވެސް ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވެފައި ވާތީ ރައީސް ސޯލިހުގެ ވާހަކަފުޅުގައި އަކަން ވެސް ފާހަގަކުރެއްވެވި އެވެ.