ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖަލުތައް ތޮއްޖެހިފައި އޮތުމަކީ އިޖުތިމާއީ ހަމަޖެހުމާއި ސުލްހައަށް އޮތް ބޮޑު ގޮންޖެހުމެއް: ރައީސް

މަރިޔަމް ޝަހުދާ

ގައިދީން އިސްލާހުކޮށް އަނބުރާ މުޖުތަމަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ އިތުރުން ޖަލުތައް ތޮއްޖެހިފައި އޮތުމަކީ އިޖުތިމާއީ ހަމަޖެހުމާއި ސުލްހަޔަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސުލްޖުމްޖހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

އެގޮތުން ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް މިއަހަރު ތެރޭ އިތުރު ޖަލެއް ހެދުމުގެ މަސައްކަތް ފަށާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި މާފުށީ ޖަލުގެ ޔުނިޓުތައް މިހާރު ހުރި ގޮތުން ގައިދީންނަށް ކަސްރަތު ކުރުމުގެ ފުރުސަތު ނުލިބޭތީ އެކަމަށް ހައްލެއް ގެނެސްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ މާފުށީ ޖަލުގައި ތިބޭ ގައިދީން ކަސްރަތު ކުރުމަށް އިތުރު ޔާޑެއް މިހާރު އަޅައިދީފައި ވާ ކަމަށެވެ.

މީގެ އިތުރުން ގައިދީންނާއި ބައްދަލުކުރުމަށް ކުރިން ގެންގުޅުނު ވަގުތުތަކަށް ގެނެސްފައިވާ ބައެއް ބަދަލުތައް ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުރިން އާއިލީ ބައްދަލުވުންތަކަށް އެއްގަޑިއިރު ދެމުން އައި ނަމަވެސް މިހާރު ވަނީ ދެ ގަޑިއިރަށް ބަދަލުކޮށްފައި ކަމަށާއި އެކަހެރި ބައްދަލުވުންތަކަށް ދެމުން އައި 12 ގަޑިއިރު ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ގައިދީން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ އިތުރުން، ޖަލުތައް ތޮއްޖެހިފައި އޮތުމަކީ، އިޖުތިމާއީ ހަމަޖެހުމާއި ސުލްހައަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އިތުރު ޖަލެއް ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެ. މާފުށީ ޖަލުގެ ގިނަ ޔުނިޓުތައް ހުރި ގޮތުން، ކަސްރަތުކުރުމުގެ ފުރުސަތު ގައިދީންނަށް ނުލިބޭތީ، މިހާރުވަނީ އިތުރު ޔާޑެއް އަޅައިދެވިފައި"

ރައީސް ވަނީ ދިވެހި އަސްކަރިއްޔާގެ ހިންގުމުގެ އޮނިގަނޑަށް މިދިޔަ އަހަރު މުހިއްމު ބަދަލުތަކެއް ގެނެވުނުކަށް ފާހަގަ ކުރައްވާފައެވެ. މި ބަދަލަކީ ދިވެހި އަސްކަރިއްޔާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ފުރިހަމަ އިތުބާރާއި، ލޯތްބާއެކު ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް ގެނައި ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސިފައިންގެ އެންމެ އިސް ވާޖިބަކަށް ވާން ޖެހޭނީ ގައުމުގެ ސިޔާދަތާ އިސްތިގުލާލު ހިމާޔަތް ކުރުމަށާއި، ގައުމުގައި އަމަންއަމާންކަން ގާއިމު ކުރުމުގެ އިތުރުން އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދީ ގާނޫނުން ސިފައިންނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ އަހަރު މާލޭގައި ހިނގައި ދިޔަ، ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާއި އާންމު ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ، އިޖުތިމާއޫީ އެއްބައިވަންތަކަމުގެ ވަރަށް ރީތި މިސާލެއް"

ރައީސް ވިދާޅުވީ ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތަކީ ދުސްތޫރި ހަމަތަކާއި، އިންސާނީ ހައްގުތަކަށް ރިއާޔަތްކުރެވި ގާނޫނީ އިމުގެ ތެރެއިން ދެވޭ ހިދުމަތަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ރައީސް ވަނީ ފުލުހުންގެ ހިދުމަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. މި ބިލަކީ ފުލުހުންގެ ހިދުަތާއި ގުޅޭ އެންމެހާ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް މަޖިލީހަށް ފޮނުވި ބިލެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއި މެދު ރަނގަޅު ތަސައްވަރެއް އުފައްދައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.