ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އައިޖީއެމްއެޗުގައި ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް މިއަހަރު ފެށޭތޯ މަސައްކަތްކުރަނީ

މަރިޔަމް ޝަހުދާ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް މި އަހަރު ތެރޭ ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރާއްޖޭގައި ހާއްސަ ބަލި ބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ތަރައްގީ ކުރުމަށް މިއަހަރަށް މުހިއްމު މަޝްރޫއުތަކެއް ރޭވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އައިޖީއެމްއެޗުގައި ކިޑްނީ ބަދަލު ކުރުމުގެ ހިދުމަތް މިއަހަރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީއާއެކު ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ފަށައި، އެ ތަނުންވެސް މިއަހަރު ތެރޭ ހިދުމަތް ދޭން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭސްފަރުވާގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ނުވަތަ މާލެއަށް ދަތުރުކުރުމަށް ރައްޔިތުން އުފުލާ ތަކުލީފު ކުޑަކުރުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓާ ގާއިމު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި ތަރައްގީ ކުރަން ފަށާފައިވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ކަމަށެވެ.

"ނަފުސާނީ ބައްޔަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މިދިޔަ އަހަރުގެ މާޗް މަހު، އައި.ޖީ.އެމް.އެޗްގައި ގާއިމުކުރި ސެންޓަރ ފޯރ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް، 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވޭ"

މިއަހަރަކީ އާންމު ސިއްހަތުގެ އަހަރެއް ގޮތުގައި ކަނޑައަޅައި، ގައިން ގަޔަށް ނާރާ ބަލިތަކުން އާންމު ރައްޔިތުން ސަލާމަތް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިިދާޅުވިއެވެ. އަދި ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ވިއުގައެއް ގާއިމުކޮށް އެ ހިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ މިއަހަރު ތެރޭ ކުރެވޭނެ މުހިއްމު ކަމެއްކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިސްރަށްވެހިންގެ ހިޔާ ގާއިމު ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމުގެ ގޮތުން ބަންދުގެ މުއްދަތުގައި ފަރުވާދިނުމަށް ރިމާންޑް ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.