އިތުރު ނުވަ ރަށެއްގައި 12 މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
"ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަން ޖެހޭ އެންމެހައި ކަންކަމަށް، މިދިޔަ އަހަރުވެސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެވުނު. އެގޮތުން މިހާރުވެސް، 8 ރަށެއްގައި މިސްކިތް އިމާރާތްކުރަމުން ދާއިރު، އިތުރު 9 ރަށެއްގައި 12 މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު މިއަހަރުގެ ތެރޭގައި ފެށޭނެ." ރަައީސް ވިދާޅުވި އެވެ.
ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ހިލާފު ހިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމާއި، އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން އާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ރައީސް ފާހަގަކުރެއްވެވި އެވެ.
"މިއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށް ވިޔަސް، މިއަދާ ހަމައަށް މިކަން ހައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން." ރައީސް ވިދާޅުވި އެވެ.
މި ކަންކަން ހައްލުކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރެވޭނޭހެން، ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ހިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުއާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް ވެސް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިސްލާހުކޮށް މުޖުތަމައަށް ގެނައުމަށްޓަކައި ގާއިމްކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ އިމާރާތް ވެސް މިހާރު ވަނީ ހަދައި ނިމިފައި ކަމަށް ރައީސް ވިދާޅުވި އެވެ.