ޚަބަރު

އަޅުގަނޑު މިއައީ ބަޑިޖަހައި ސަފު އަތުރާނެގޮތް ކިޔާދޭކަށް ނޫން: މާރިޔާ

މުހައްމަދު އައުޒަމް

ޑިފެންސް މިނިސްޓަރެއްގެ ގޮތުން މިއައީކީ ބަޑިޖަހާނެގޮތް ދަސްކޮށްދީ ސަފުތައް އަތުރުއްވާނެގޮތް ކިޔައިދޭކަށް ނޫން ކަމަށް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންނާ ބައްދަލުކުރެއްވުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުއްގައި ސިފައިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓަރެއްގެ ހައިސިއްޔަތުން ސިފައިންނާ ހަވާލުވީ ސިފައިން ކުރައްވަމުންގެންދަވާ މަސައްކަތް ކުރައްވަން ގާނޫނު އަސާސީގެ ތެރޭގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުތައް ބަހައްޓައި އެކަންކަން ހަނދުމަކޮށްދީ އެކީގައި މަސައްކަތް ކުރުމަށް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ސިޔާސަތުގައި ކޮރަޕްޝަނަށް ގެންގުޅުއްވަނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ކަމަށާއި ސިފައިން އަބަދުވެސް ހަނދާން ބަހައްޓަވަން ޖެހޭނީ ކުރާ ހަރަދުތައް ކުރަނީ ދިވެހި ރައްޔިތުންނަށްޓަކާ ކަމަށާއި ވީމާ ހުރިހާކަމެއްގައި ދެފުށްފެންނަ ޖަވާބުދާރީ ވެވޭނެ ގޮތަށް އަމަލުކުރައްވަން ޖެހޭނެ ކަމަށެވެ. އަދި ސިފައިންގެ ތެރޭގައި އެއްވެސް ވަރަކަށް ކޮރަޕްޝަންގެ އަމަލެއް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިން އިހްތިރާމާއި ލޯބި ހޯދުމަށްޓަކައި ގާނޫނީ ބާރުވެރިކަމާއި ވަސީލަތްތައް ހޯދައިދެވިދާނެ ކަމަށާއި އެހެންވިޔަސް ރައްޔިތުން ޖަޖުކުރާނީ އަމަލުތައް ބަހައްޓަވާ ގޮތަކުން ކަމަށެވެ. މިޒަމާނުގައި ކޮންމެ ރައްޔިތަކީ މީސްމީޑިއާގައި ރިޕޯޓަރުން ކަމަށާއި ކުރާ ކޮންމެ ކަމެއް ކޮންމެ ވާހަކައެއް މީޑިޔާގެ ތެރޭގައި ފެތުރޭނެތީ ސަމާލުވުމަށް ވެސް މިނިސްޓަރު ވަނީ އެދިފައެވެ.

މިނިސްޓަރު ވަނީ ސިފައިންގެ މަސައްކަތް ހުންނަގޮތާއި މަސައްކަތް ކުރާގޮތް އާންމުންނަށް އެނގެން ޖެހޭނެ ކަމަށާއި މީޑިއާއާ ރައްޓެހި ބަޔަކަށް ސިފައިން ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ ސިފައިންނާއި އެހެން މީހުންނާ ތަފާތުކޮށްދޭ އެންމެ މުހިއްމު އަސާސް ކަމަށްވާ ޑިސިޕްލިންގެ މައްޗަށް ބަރޯސާވެގެން މަސައްކަތް ކުރާބައެއްގެ ގޮތުގައި ދެމިތިބުމަށް އެދިފައެވެ. އަދި ސިފައިންގެ ހުވާއާއި އެއްގޮތަށް ފުރާނައިން ގުރުބާންވުމަށް މާތްﷲ ގަންދީ ހުވާކުރުން މަތީ ދެމިތިބުމަށާއި އަދި އެއީ އެންމެ އިސް ވާޖިބު ކަމަށް ދެކި، އެކަން ހަނދުމަ ބަހައްޓަން ޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރު ސިފައިންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމަނާގެ އިތުރުން ސިފައިންގެ އިސްވެރިންނާއި އިސް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ. ރަސްމިއްޔާތުގައި ވަނީ ހާއްސަ ދުއާއެއް ކޮށްފައެވެ. އަދި ރަސްމިއްޔާތަށްފަހު ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ރަސްމިއްޔާތުގައި ބައިވެރިވި ސިފައިންނާ ބައްދަލުކުރައްވައި ސަލާމް ކުރައްވައިފައެވެ.