ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަރުކަށި ފިކުރުގެ މައްސަލަ ހައްލުނުވީ، ނުހިނގާ ކަމަކަށް ހަދައި ސަރުކާރުތަކުން ސަމާލުކަމެއް ނުދީ އޮތީމަ: ރައީސް

އިބްރާހިމް ޒަކީ

ހަރުކަށި ފިކުރުގެ މައްސަލަ ހައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމަކަށް ހަދައި އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ހިލާފު ހިޔާލު ފާޅު ކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ސަރުކާރުން މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން އާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު. މިއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށްވިޔަސް، މިއަދާ ހަމައަށް މިކަން ހައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންތައް ހައްލު ކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރެވޭނެހެން، ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ހިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުއާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިޔުމަށްފަހު އެނބުރި އަންނަ މީހުން، އިސްލާހުކޮށް މުޖުތަމައަށް ގެނައުމަށްޓަކައި ގާއިމުކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ އިމާރާތްވެސް މިހާރުވަނީ ހަދައި ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަންޖެހޭ އެންމެހައި ކަންކަމަށް، މިއަހަރުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުސްވި 2019 ވަނަ އަހަރު ރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަތަކެއް ފެންމަތިވިއެވެ.

އޭގެ ތެރޭގައި ކޯޓުން ބޭރުން ކުޑަ އަންހެން ކުދިންނާ ކައިވެނި ކުރުމުގެ ނަމުގައި ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިން ތައުލީމުން މަހުރޫމުކޮށް ވެކްސިން ނުދިނުމާއި، އެފިކުރަށް ނުލެނބޭ މީހުންނަކީ ކާފަރުން ކަމުގައި ބަލައި އެމީހުންނަށް ހަމަލާދީ މުދާތައް ފޭރުމުގެ މައްސަލަތަކެއް ކަމާބެހޭ މުއައްސަސާތަކުން ވަނީ ބަލައިފައެވެ.

އެކަމާ ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީ ގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފައެވެ.

މީގެ އިތުރުން ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ބެލެވޭ ތިން ޝެއިޚެއްގެ ދީނީ ތަގުރީރު ކުުރުމުގެ ހުއްދަވެސް ވަނީ ބާތިލު ކޮށްފައެވެ. އަދި އިސްލާމްދީނާ ހިލާފު ވާހަކަ ދައްކައި ދީނަށް ފުރައްސާރަކުރި ބަޔަކު ހައްޔަރުކޮށް ތަހުގީގު ކޮށްފައިވާއިރު، އެ ގޮތަށް މަސައްކަތްކުރި، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ސަރުކާރުން ވަނީ އުވާލައިފައެވެ.