އިބްރާހިމް ޒަކީ
މިއަހަރުވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރާނީ ސަރުކާރަށް ވާގިވެރި ވަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން، މަޖިލީހުގެ ގަވާއިދުގެ ދަށުން މިއަދު ބޭއްވި ރައްޔިިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް، ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން ހުށަހެޅުއްވުމުން އެ ބަޔާނުގައި ހިމެނޭ ކަންތައްތައް ފާހަގަ ކުރައްވައި ރިޔާސަތުން ވާހަކަ ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮވެ ސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ފާރަވެރިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިއްމު މަސްއޫލިއްޔަތު އަދާ ކުރުުމުގެ ބޮޑު ޒިންމާ ގާނޫނުއަސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީއަކީ ރައީސުލް ޖުމްހޫރިްޔާވެސް ނިސްބަތްވެ ވަޑައިގަންނަވާ، ޕާޓީ ކަމަށާއި މަޖިލީހުގެ 75 ޕަސެންޓަކީ އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން، އެމަނިކުފާނުގެ މެންބަރުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވާން ވާނެ ކަމާއި މި މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރާ ކަމަށް ވަރަށް ގިނަ ހަފުލާތަކުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެހެންކަމުން މިފެށޭ އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގެ މަސއްކަތްތައް ބައްޓަން ވެގެންދާނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރާއި ހުރުމަތް ރައްކާތެރި ކުރުމަށްޓަކައި، އަދި ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ޓަކައި ސަރުކާރަށް ވާގިވެރިވަމުން ސަރުކާރު ޖަވާބުދާރީ ކުރުވަމަށް ކަމަށެވެ. ހަމަ އެހެންމެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރަށް އެހީތެރިވެދިނުމަށާއި، އެ ސިޔާސަތުތައް ތަންފީޒު ކުރަމުން ދާއިރު ވާގިވެރިކަމާއެކު ފާރަވެރިވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކުރިއެރުމާއި ލާބަ އާއި ތަރައްގީއަށްޓަކައި ސަރުކާރުން ކުރައްވަވާ އެންމެހާ ކަންކަމުގައި ފަސްޖެހުމެއްނެތި ރައްޔިތުންގެ މަޖިލީހުން އެއްބާރު ދޭނެ ކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާ ކަމަށެވެ.